އަނބިމީހާ ރޮއްވައިނުލާށެވެ. އެ ކަނބުލޭގެއަށް ހިތްދަތިކަން ނުދޭށެވެ.
މީހަކު ހިއްސާކޮށްފައިވާ ވާހަކައެކެވެ.
"އަހަރެންގެ ގާތުގައި އަންހެނުން ނިދައިފައި އޮތެވެ. ފޯނާ ކުޅެން އޮއްވާ ކުއްލިއަކަށް އެފްބީއިން ލިބުނީ ފްރެންޑް ރިކުއެސްޓެކެވެ. ހިތަށް އެރިއެވެ. ކާކުތޯ ބަލައިލާނަމެވެ.
ފްރެންޑް ރިކުއެސްޓް ގަބޫލުކޮށް މެސެޖުކޮށްލީމެވެ. ކާކު ހެއްޔެވެ؟
ޖަވާބުގައި އޭނާ އަހަންނަށް ބުންޏެވެ. މިއީ ތިމަންނާއެވެ. އަހަރެން ކައިވެނިކުރި ޚަބަރު އަޑު އެހީމެވެ. އެހެން ނަމަވެސް އަދިވެސް އަހަރެންގެ މަތީން ހަނދާން ވަނީއެވެ. ( އޭނާއަކީ ކުރީގައި އަހަރެންގެ ރައްޓެއްސެކެވެ. ބުރުސޫރަ ރީތި , ފިރިހެނުން ހިތް ކިޔާ ރީތި އަންހެނެކެވެ.)
ޗެޓް ކްލޯސް ކޮށްލައިފައި އަންހެނުންގެ ޙާލަތެއް ބަލައިލީމެވެ. މިއަދު ހަތަރު ދަމު އަހަރެންގެ ގޭގައި ކުރާން ހުރި މަސައްކަތް ކޮށްފައި ، އަހަރެންގެ ދަރީގެ ހުރިހައި ކަމެއް ކޮށްފައި ވީ ވަރުބަލިކަމުގައި އޭނާ އެ އޮތީ ނިދައިފައެވެ. އަހަރެން އެ އަންހެން ކުއްޖާއާ ކިތަންމެ ގިނަ އިރަކު ވާހަކަ ދެއްކިޔަސް އަންހެނުންނަކަށް ނޭނގޭނެއެވެ.
އަންހެނުންނަށް ބަލައިލީމެވެ. ހިތަށް އެރިއެވެ. ލޯބިވާ މަންމައަކާއި ބައްޕައެއްގެ އިތުރުން ބޭބެއާއި ކޮއްކޮ އަދި ދައްތައިންގެ ހިމާޔަތުގައި 24ގަޑިއިރު އުޅުނު ، މި އަންހެނާ މިހާރު އެ އޮތީ އެ މީހުންނާ އެތައް ކިލޯ މީޓަރެއް ދުރުގައެވެ. ހިތް ފުރެންދެން ލޯބި ދިން މަންމައަކާ ބޭނުންހައި އެއްޗެއް ހޯދޭތޯ މަސައްކަތްކޮށްދިން ބައްޕައާ ދުރުވެ އޭނާ މިހާރު އެ އޮތީ އަހަރެންގެ އަމާނާތެއްގެ ގޮތުގައެވެ.
މި ޚިޔާލުތަކުގެ ތެރޭގައި ވަނިކޮށް ހިތަށް އެރިއެވެ. އަހަންނަކީ ފޭކް މީހަކަށް ނުވާނަމެވެ. ޙަޤީޤީ ފިރިހެނުންނަކީ އަނބިންނަށް އޮޅުވައިލާ ސިއްރު ގުޅުންތައް ހިންގާނޭ ބައެއް ނޫނެވެ. ވަގުތުން ފޯނު ނެގީމެވެ. އަދި "ބްލޮކް"އަށް ފިތައިލައި ފޯނު ބާއްވައި އަންހެނުން ގައިގައި ބައްދައިލީމެވެ."
ފިރީންނޭވެ! ތިބާގެ ކުރިމަތީގައި ތިޔަ ހުރި ތިބާގެ އަނބިމީހާއަކީ ދެމީހެއްގެ ލޯބިވާ ދަރިއެއް ވެސް މެއެވެ. ދައްތައެއް ނުވަތަ ކޮއްކޮއެއް ވެސް މެއެވެ. އެ އަންހެނާއަކީ އެ މީހުންނަށް ޖަވާހިރެކެވެ. މިއަދު ތިޔަ ގޭގައި އޮތް ނަމަވެސް އެ ޖަވާހިރާ މެދު އަމާނާތްތެރިވާށެވެ. އަގު ދަށްކޮށްލައި ހަޑިހުތުރުބަހުން މުޢާމަލާތްކޮށް ނުހަދާށެވެ. ލޯތްބާއި އަޅައިލުން ދޭށެވެ.
ކައިވެންޏަށް ފަހު ދަރީން ލިބި ދުވަސްތައް މާޒީވާ ވަރަކަށް އަންހެނާގެ ޖިސްމަށާ ވެސް ބަދަލު އަންނާނެއެވެ. ނަމަވެސް އެ ކަނބުލޭގެއާ މެދު އިހުމާލު ނުވާށެވެ، ރޮއްވައި ދެރަ ނުކުރާށެވެ. ހިތްދަތިކަން ނުދޭށެވެ. އަނބިމީހާގެ ލޮލުން ވެއްޓިދާނޭ އެންމެ ކަރުނަ ތިއްކަކާ މެދު ވެސް ސަމާލު ވާށެވެ.
ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވައްސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ.
"لاَ يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ" - رواه مسلم (1469)
"އީމާންވެގެންވާ ފިރިހެނަކު އީމާންވެގެންވާ އަންހެނަކާ ދޭތެރޭ ރުޅިވެރިކަން ބާއްވައިގެން ނުވާނެއެވެ. އޭނާއާ ދޭތެރޭ ހިތްހަމަ ނުޖެހޭ ސިފައެއް ހުރި ކަމުގައި ވިޔަސް އޭނާ ގައިގައި ހުރި އެހެން ހިތްހަމަ ޖެހޭ ސިފަތަކަށް ބަލާށެވެ."