ދީން

ﷲގެ ގެކޮޅަށް ތިބާ ތިދަނީ ހާދަ ޢިއްޒަތްތެރިކަމާ އެކުގައެވެ.

ދެން އެމްވީ ، ދެން އޮންލައިން

ހަމައެކަނި ވިސްނާލުމަށް ފަސޭހައަކަށް މި މިސާލާ މެދު ފިކުރުކޮށްލައްވާށެވެ. ތަޢުލީމީ ގޮތުންނާއި އެހެނިހެން ދާއިރާތަކުގައި އިނާމު ދިނުމުގެ ޖަލްސާތަކުގައި އެއްވަނަ ހޯދާ މީހާއަށް ލިބިގެން ދަނީ ވަރަށް ވެސް ބޮޑު ފަޚުރެކެވެ. އިނާމާ ޙަވާލުވުމަށް އިސްޓޭޖަށް ދާއިރު ޖަލްސާއަށް ޙާޟިރުވެ ތިބި އެންމެންނަށް ފެންނަ ގޮތަށް މީހާއާ ދިމާއަށް ވަކި އައްޔެއް އަޅުވައިލެވެއެވެ. އިނާމާ ޙަވާލުވަންދެން އަދި ޙަވާލުވެ އެނބުރި އިންތަނަށް ގޮސް އިށީންނަށްދެން އޭނާ ދިއްލައިލެވިފައި ވަނީ އެ އަލިންނެވެ. ހުރިހާ އެންމެންގެ ތެރެއިން އޭނާ ދައްކައިލެވެނީ މަތިވެރި މީހެއްގެ ގޮތުގައެވެ. ކިހާ ބޮޑު ފަޚުރެއްތޯއެވެ؟ ކިހާ ބޮޑު އުފަލެއްތޯއެވެ.

މި މިސާލު ހިތްމަތީގައި ބާއްވައިލާށެވެ. އެއަށް ފަހު ﷲ ތަޢާލާގެ ގެކޮޅަށް ނުވަތަ އެއިލާހުގެ ދަރުބާރަށް ތިބާ ޙާޟިރުކުރެވޭ މަތިވެރިކަން ނިކަން ދެކެބަލާށެވެ. ފުރަތަމަކަމަކަށް ތިބާގެއިން ނިކުމެގެން ދަނީ އެއިލާހުގެ ނަންފުޅުންނެވެ. އަދި ތިބާގެ އެއްވެސް އާރެއް ބާރެއް ނެތްކަމާއި ތިބާ ﷲގެ ގެކޮޅަށް ގެންދަވާކަމީ ވެސް ﷲގެ ފަޟުލުވަންތަވެރިކަމުގެ ސަބަބުންކަމަށް އިޢުތިރާފް ވަމުންނެވެ. ގެއިން ނިކުންނައިރު ކިޔާ ދުޢާގައި ތިބާ އެ ދަންނަވަނީ މި ޢިބާރާތްތަކެވެ.

بسم الله، تو كلت على الله، ولا حول ولا قوة إلا بالله!

الله،ގެ އިސްމަފުޅުން އަޅު ފަށަމެވެ، މިއަޅާ ﷲ، އަށް ވަކީލުކުރަމެވެ ﷲގެ ހަޟްރަތުން މެނުވީ އެއްވެސް ބާރެއް އަދި އާރެއް ނުވެއެވެ!

އެއަށް ފަހު މިސްކިތަށް ދާ މަގުމަތީގައި ތިބާ ދަންނަވަނީ ކީކޭތޯއެވެ. އޭ ﷲއެވެ. މިއަޅާއި ހިތާއި ދުލާއި އަދި ކަންފަތާއި ލޮލުގައި ނޫރެއް ލައްވާންދޭވެއެވެ. ކަނާތް ފަރާތުންނާއި ވާތް ފަރާތުން އަދި ކުރިމަތިންނާއި ފުރަގަހުން ހަމައެހެންމެ މަތިންނާއި ތިރިން ނޫރެއް ލައްވާންދޭވެއެވެ. ވިސްނަވާށެވެ. އިސްވެ ބަޔާންކުރި މިސާލުގައި ބުނެދިނީ އަލި އަޅުވައިފައިވާ ވާހަކައެވެ. ނަމަވެސް ﷲގެ ގެކޮޅަށް ދާއިރު މީހާގެ ވަށައިގެން ނޫރު ލެވިގެން ، އެމީހާ ﷲގެ ގެކޮޅަށް އެ ގެންދަވަނީ ކިހާ ޢިއްޒަތްތެރި މަޤާމެއްގައި ތޯއެވެ.

اللّهُـمَّ اجْعَـلْ في قَلْبـي نورا ، وَفي لِسـاني نورا، وَاجْعَـلْ في سَمْعي نورا، وَاجْعَـلْ في بَصَري نورا، وَاجْعَـلْ مِنْ خَلْفي نورا، وَمِنْ أَمامـي نورا، وَاجْعَـلْ مِنْ فَوْقـي نورا ، وَمِن تَحْتـي نورا .اللّهُـمَّ أَعْطِنـي نورا.

"އޭ ﷲ އެވެ. މިއަޅާގެ ހިތުގައި ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ ދުލުގައި ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ އެހުމުގައި (ކަންފަތުގައި) ނޫރެއް ލައްވާންދޭވެ. އަދި މިއަޅާގެ ފެނުމުގައި (ލޮލުގައި) ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ ފަހަތުން ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ ކުރިމަތިން ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ މަތިން ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ ތިރިން ނޫރެއް ލައްވާނދޭވެ. އޭ ﷲއެވެ. މިއަޅާއަށް ނޫރެއް ލައްވާނދޭވެ."

އެ ޢިއްޒަތްތެރިކަމާއެކު މިސްކިތަށް އަރަމުން ތިބާ ދަންނަވަނީ ކީކޭތޯއެވެ. އޭ ﷲއެވެ. އަހަރެން މި ޙާޟިރުވީއެވެ. އަހަންނަށް ޓަކައި ރަޙުމަތުގެ ދޮރުކޮޅުތައް ހުޅުވައިލައްވާނދޭވެއެވެ.

أَعوذُ بِاللّهِ العَظِيـمِ، وَبِوَجْهِـهِ الكَرِيـمِ وَسُلْطـَانِه القَدِيـمِ، مِنَ الشَّيْـطَانِ الرَّجِـيمِ، [ بِسْـمِ اللّهِ وَالصَّلَاةُ ] [وَالسَّلامُ عَلَى رَسُولِ اللّهِ]، اَللَّهُـمَّ افْتَـحْ لِي أَبْوَابَ رَحْمَتـِكَ.

އަޚުންނާއި އުޚުތުންނެވެ. އިސްލާމްދީނުގައި ކޮންމެ ކަމެއް ވެސް ވަނީ އެކަމެއްގެ އެންމެ ފުރިހަމަ ގޮތުގައެވެ. އެއީ ދުނިޔަވީ މުޢާމަލާތްތައް ނަމަވެސް ނުވަތަ ޢިބާދާތު ނަމަވެސް މެއެވެ. ވުމާއެކު ނަމާދާއި އެހެނިހެން އަޅުކަންތައް އަދާ ކުރުމުގައި ވެސް ދެންނެވޭ ދެންނެވުމާއި ކަންހިނގާ މަގާ މެދު ވިސްނާ ފިކުރުކުރުމަކީ ތިބާ އެކަމަކަށް ދަހިވެތި ކުރުވާނޭ ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!