ކްރިސްމަސް ފާހަގަކުރުމުގެ މައްސަލައަކީ ކޮބާ؟
ބައެއް މީހުން ކުރާ ސުވާލެކެވެ. ކްރިސްމަސް ފާހަގަ ކުރުމުގެ މައްސަލައަކީ ކޮބައިހެއްޔެވެ؟ ކްރިސްމަސް ފާހަގަ ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ އެ ދުވަހުގެ ތަހުނިޔާ ނުކިޔެނީ ކީއްވެ ހެއްޔެވެ؟
މި ސުވާލުގެ ސާފު ޖަވާބަށް ދިޔުމުގެ ކުރީން ބަލައިލާން ޖެހެނީ ކްރިސްމަސްއަށެވެ. ނަޞާރާއިންގެ ޢަޤީދާއަކީ ޢީސާ ޢަލައިހި ސަލާމްއަކީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ދަރިކަލެއް ކަމެވެ. މި ޢަޤީދާގައި، ހުސްތާހިރުވަންތަ ﷲ ތަޢާލާގެ ދަރިކަލެއްވާކަން ޤަބޫލުކޮށް ޢީސާ ޢަލައިހި ސަލާމްގެ އުފަން ދުވަހުގެ ގޮތުގައި ނަޞާރާއިން އެ ދުވަސް ފާހަގަ ކުރެއެވެ.
އަޅުގަނޑުމެން ކްރިސްމަސްގެ ހަރަކާތްތަކުގައި ބައިވެރިވެއްޖެ ނަމަ އަދި ބައިވެރި ނުވިޔަސް އެ ދުވަހުގެ ތަހުނިޔާ ކިޔައިފިކަމުގައި ވާނަމަ ނުވަތަ އެ ފަދަ ދައުވަތަކަށް އިޖާބަދީ މީސްމީޑިއާގައި އެ ފަދަ ޕޯސްޓެއް ޝެއަރކޮށްފިކަމުގައި ވާ ނަމަވެސް އަޅުގަނޑުމެންނަށް ޙަޤީޤަތުގައި އެ އިޤްރާރު ވެވެނީ އެ މީހުންގެ ޤަބޫލުކުރުންތަކަށެވެ.
ކްރިސްމަސް ފާހަގަކޮށް އެ ފަދަ ހަފްލާތަކުގައި ބައިވެރިވެ ނުވަތަ ތަހުނިޔާ ކިޔުމަކީ ކަނޑައެޅިގެން ޙަރާމްކަމެއް ކަމަށް އިޚްތިލާފެއް ނެތި އިސްލާމް ދީނުގެ ޢިލްމްވެރީން ވަނީ އިއްތިފާޤުވެފައެވެ.
އަހަރެމެންގެ މުޖުތަމަޢަށް ވެސް މިހާރު އައުކަމަކަށް ނުވާ ކްރިސްމަސްގެ ތަހުނިޔާ ކިޔައިލުމަކީ މައްސަލައެއް ކަމަށް ނުދެކޭ މީހުން ވެސް ގިނައެވެ. އެހެން ނަމަވެސް ވިސްނައިލުން ހުއްޓެވެ. މާބޮޑު ކަމަކަށް ނުދެކި އެ ބުނެވޭ ބަހަކީ ބޮޑު ބަހެކެވެ. ނުރައްކާތެރި ބަހެކެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ.
﴿88﴾ وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا
رحمن ވަންތަ ރަސްކަލާނގެ، ދަރިކަލަކު ހިއްޕެވިކަމަށް އެ كافر ވި މީހުން ބުނޫއެވެ.
﴿89﴾ لَّقَدْ جِئْتُمْ شَيْئًا إِدًّا
ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ގެނައީ، ވަރަށް ވެސް ނުބައިވެގެންވާ ބަހެކެވެ.
﴿90﴾ تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا
އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ.
﴿91﴾ أَن دَعَوْا لِلرَّحْمَٰنِ وَلَدًا
އެއީ رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ.
ޣައިރު މުސްލިމުންގެ މިފަދަ ދީނީ ޢީދުތަކުގައި ބައިވެރިވެ ތަހުނިޔާ ކިޔައި އެ މީހުންނާ އެއްގޮތްވެ ގަތުމަކީ އެއް ގޮތަކަށް ވެސް އަޅުގަނޑުމެންނަށް ހުއްދަ ވެގެންވާނޭ ކަމެއް ނޫނެވެ. އެއާ ޚިލާށް އެއީ ނަރަކައިގެ އަލިފާނަށް ތިމާ ހުށަހެޅިގެން ހިނގައިދާނޭ ކަމެކެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"ބަޔަކާ އެއްވައްތަރު ވެއްޖެ ނަމަ އެ މީހަކު ހުށީ އެ ބަޔަކާ އެކީގައެވެ."
އެހެންކަމުން ކާފިރުންނާ އެކު މަހުޝަރު ކުރެވި އެ މީހުން ނަރަކައަށް ވަންނަ ހިނދު އެމީހުންނާ އެކީ އެ އަލިފާންގަނޑަށް އެއްލައިލެވިދާނޭ ކަމުގެ ބިރު އަޅުގަނޑުމެންގެ ހިތުގައި އޮންނާން އެބަޖެހެއެވެ. ޣައިރު ދީންތަކުގެ ދީނީ ހަފްލާތަކާ ދުރުވެ ރައްކާތެރިކަމުގެ މަގު އިޚްތިޔާރުކުރާން އެބަޖެހެއެވެ. ﷲ ތަޢާލާ އެކަމުގެ ތައުފީގު އަޅަމެންނަށް ދެއްވާށިއެވެ.
(ޝައިޚް މުޙައްމަދު ޣާލިބްގެ ދަރުހަކުން)