ޚަބަރު ސިޔާސީ

23 ނުކުތާއަކާ އެކު އޭސީސީގެ ދިފާއު: މެމްބަރުން ވަކިކުރަން އުޅެނީ ނުފޫޒު ނުފޯރުވޭތީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އޭސީސީ ރައީސް މަރިޔަމް ޝިއުނާ/ ދެން އިމޭޖްސް

ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަ ނުވެ، ނުފޫޒު ނުފޯރުވޭނެކަން ސާބިތުކޮށްދެވިއްޖެ ކަމަށާއި ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ތަކުރާރުކޮށް ނަގަން މަސައްކަތް ކުރަނީ ކޮމިޝަންގެ މިނިވަންކަމުގެ ސަބަބުން އަމާޒުވި ނަފުރަތާ ހުރެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

Ads by MWSC

އޭސީސީގެ މެމްބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަ ދިރާސާ ކުރުމަށް ބާއްވާ ކޮމިޓީ ބައްދަލުވުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް އޭސީސީން ނެރުނު ދިގު ބަޔާނެއްގައި ވަނީ އެ ކޮމިޝަންގެ މެމްބަރުންނަށް ކުރާ ތުހުމަތުތަކަށް ދިފާއުވެ ޖުމްލަ 23 ނުކުތާއެއް ފާހަގަކޮށްފައެވެ.

އެގޮތުން އެ ނުކުތާތަކުގައި އޭސީސީން ވަނީ އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވައިލި އޮޑިޓް ރިޕޯޓުގައި ފަސް އަހަރު ދުވަހުގެ މުއްދަތުގައި ކޮމިޝަނުން ކުރި މަސައްކަތަށް ބަލައިފައިވީ ނަމަވެސް މިހާރު ތިއްބެވި މެމްބަރުންގެ ދައުރުގެ ތެރެއިން އެ އޮޑިޓުގައި ހިމެނިފައި ވަނީ އެންމެ 10 މަސް ދުވަހުގެ މުއްދަތެއް ކަމަށެވެ. އަދި އެ މުއްދަތުގައި އޭސީސީން ބޮޑެތި މަސައްކަތްތަކެއް ކުރަމުން ދިޔައީ ނުނިމި ގިނަ މަސައްކަތްތަކެއް ހުރުމާ އެކު މަސައްކަތްތައް އަވަސްކުރުމަށް އައު އުސޫލުތަކެއް ހެދުންކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން މައްސަލަތަކުގެ ތަހުގީގު މަރުހަލައިގައި ހުރަސްތަކެއް ހުރި ކަމަށާއި ހާއްސަކޮށް އަތޮޅުތެރެއަށް ދަތުރުކުރުމަށް ދަތިތަކެއް ހުރިކަމަށް ބަޔާނުގައި ބުންޏެވެ.

އޭސީސީން ބުނީ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ އިސް ވާޖިބަކަށްވީ، ވަކި ފަރާތަކަށް ބުރަނުވެ ޖެހިލުންވުމެއް ނެތި މަސްއޫލިއްޔަތު އަދާކުރުން ކަމަށެވެ. މިހައިތަނަށް ކޮށްފައިވާ މަސައްކަތްތައް ވަޒަންކުރުމުން ވެސް އެކަން ފެނިގެންދާނެ ކަމަށާއި ސިޔާސީގޮތުން ވަކި ފަރާތަކަށް ބުރަ ނުވާ ކަމާއި، ކޮމިޝަނަށް ނުފޫޒު ނުފޯރުވޭނެކަން ވާނީ ސާބިތުކޮށްދީފައިކަމަށް ބަޔާނުގައި ބުންޏެވެ.

ކޮމިޝަނުގެ ތަޙުޤީޤުތައް ކުރިއަށް ގެންދިއުމުގައި ވެސް ވަކި ސިޔާސީ ވިސްނުމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއް ނެތި ތަޙުޤީޤުތައް ކުރިއަށް ގެންގޮސް ނިންމުންތައް ނިންމާތީ އެކަމުގެ މަސްލަހަތު ހިމެނޭ ފަރާތްތަކުގެ ފާޑުކިޔުންތައް ކޮމިޝަނަށް ތަކުރާރުކޮށް އަމާޒުވެއެވެ. އެފަދަ މީހުންގެ ސިޔާސީ މަސައްކަތްތައް ވަކި ޓާގެޓްތަކެއް ކަނޑައަޅައި ކޮމިޝަނާ ދެކޮޅަށް އަމާޒުކުރެއެވެ. އަދި ނިޒާމުގެ އެތެރެއިންނާއި ބޭރުން އެކި ސިފަސިފައިގައި ކޮމިޝަނުގެ މަސައްކަތްތައް ފެއިލްކޮށްލުމަށް މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ.

- އޭސީސީގެ ބަޔާން

އޭސީސީން ބުނީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ކޮމިޝަން މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތަކުރާރުކޮށް މަސައްކަތްކުރީ ވެސް ނުފޫޒުން އެއްކިބާވެފައި ވާތީ ކަމަށެވެ.

މީގެ އިތުރުން ކޮމިޝަނުން ބުނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި، އެ މަސައްކަތުގެ ތެދުވެރިކަން މިންކުރުމަށް ބޭނުންކުރެވޭ އެއް މިންގަނޑަކީ، އެ މަސައްކަތްކުރާ މީހުންނާ މެދު ނަފްރަތުވެ، އެ މަސައްކަތް ނާކާމިޔާބު ކުރުވައި، އެ މަސައްކަތްކުރާ މީހުން ބަލިކަށިކޮށްލަން މަސައްކަތްކުރާ މީހުން ގިނަވުން ކަމަށެވެ. މި މިންގަނޑުން ބަލާއިރު، ކޮމިޝަނުން މަސްއޫލިއްޔަތު އަދާކުރަމުން މިހާތަނަށް އައިސްފައި މިވަނީ ރަނގަޅަށްކަމަށް ކޮމިޝަނުން ޤަބޫލުކުރާ ކަމަށާއި ކުރިއަށް އޮތްތާނގައި ވެސް މަސައްކަތްކުރާނީ، ސިޔާސީގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކުން ނުފޫޒު ގަދަ ފަރާތަކަށް ނުލެނބި އަދި ބެލުމެއް ނެތިކަމަށް އޭސީސީން ބުންޏެވެ.

އޭސީސީގައި މިވަގުތު ތިއްބެވީ ތިން މެމްބަރުންނެވެ. އެ ތިން މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅި ކުރިއަށްދާއިރު މިހާރު ކުރިއަށްދަނީ މެމްބަރުން މަގާމުން ދުރުކުރުމުގެ މައްސަލަ ދިރާސާކުރުމުގެ ކޮމިޓީ މަރުހަލާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!