ހުޅުމާލޭން ބިން ވިއްކުމުގެ ހައިސިއްޔަތެއް އެޗްޑީސީއަކަށް ނެތް: ސިޓީ ކައުންސިލް
މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކޮށް، ހުޅުމާލެއިން ބިން ވިއްކަނީ މުއްސަދިންނަށް ކަމަށާއި އެކަމާ ސިޓީ ކައުންސިލުން ދެކޮޅު ކަމަށް ވިދާޅުވެއްޖެއެވެ.
ބީލަމުގެ އުސޫލުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ގޯތި ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއްޔެ ވަނީ ހުޅުވައިލައިފައެވެ.
މިކަމާ ގުޅިގެން މިއަދު ސިޓީ ކައުުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށާއި އެ ތަނުން ބިން ދޫކުރަން ނިންމީ، ކައުންސިލްގެ އެއްވެސް ބަހެއް އަދި މަޝްވަރާއެއް ނެތި ކަމަށެވެ. އަދި މިކަމަކީ ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
ސިޓީ ކައުންސިލްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ހުޅުމާލެއިން ބިން ވިއްކަން ސަރުކާރުން އުޅެނީ، ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏެއްގެ އާމްދަނީ އިތުރުކުރުމަށް ކަމަށެވެ.
އަދި ބިމުގެ ރަޖިސްޓްރީ ބާތިލު ކުރަން ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސައިލާން ސިވިލް ކޯޓުން އެންގި އެންގުން އިސްތިއުނާފް ކުރަން ނިންމައިފައި ވަނިކޮށް، ކޯޓު މަރުހަލާގައި މައްސަލަ އޮއްވާ ބިން ނުވިއްކޭނެ ކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައި ވިދާޅުވިއެވެ.
އެޗްޑީސީން ވިއްކަން ނިންމައިފައި ވަނީ 1603.07 އަކަފޫޓުގައި 2633.93 އަކަ ފޫޓާ ދެމެދުގެ 60 ބިމެވެ. އަދި އެ ބިންތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވައިލައިފައެވެ.
ބިންތައް ވިއްކަން ނިންމައިފައި ވަނީ ހުޅުމާލޭގެ އަތިރިމަތީ "ބީޗް ފްރޮންޓު" ސަރަހައްދުންނާއި އަދި އަތިރިމަތި ކައިރިން "ބީޗު ސައިޑު"ންނެވެ. މީގެ ތެރެއިން "ބީޗް ފްރޮންޓު" ސަރަހައްދަށް ބީލަށް ފޯމް އަންނަ ފެބްރުއަރީ ހައެއްގެ ކުރިން ހުށަހަޅަން ޖެހޭއިރު "ބީޗު ސައިޑު"އަށް ބީލަން ފޯމް ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ 16އާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ.