ދިރާގުޓީވީއާއި ފައިބާ އިންޓަނެޓުގެ ހިދުމަތް ގއ. ދާންދުއަށް
ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ގއ. ދާންދޫގައި ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.
ދިރާގުން ބުނީ، މި ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައި ވަނީ ގއ. ދާންދޫގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެކުގައި ކަމަށެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައި ދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ޚާއްސަ ރައުޓާ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ދިރާގުން ބުނެފައި ވަނީ ދިރާގު ޓީވީއަށް އެޕްލައިކުރާ ކަސްޓަމަރުންނަށް ވެސް ޚިދުމަށް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް (ޑީކޯޑަރު) ލިބިގެންދާނެ ކަމަށެވެ. އެގޮތުން ގއ. ދާންދޫ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހި ފިލުވުމުގެ ކޮންޓެންޓެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެއެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން ދާ އެންމެ ބޮޑު ފައިބާ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 ޕަސަންޓަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާ އިރު މީގެ ތެރޭގައި 73 ރަށެއް ހިމެނެއެވެ.
އަދި 100އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގުޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތުކުރުމެއް ނެތި ދިރާގުން ވަނީ ރާއްޖޭގެ 80% ގޭބިސީއަށް ދިރާގުޓީވީގެ ހިދުމަތް ފޯރުކޮށްދީފައެވެ.
ދިރާގުން ބުނީ ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަ ގޮތްތައް ހޯދައިދެވޭތޯ ކަމަށާއި އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސަތްކަތް ކުރާނެ ކަމަށެވެ.