ދޯންޏެއް އަޑިޔަށްގޮސްގެން، މީހުން ހޯދުމުގެ މަސައްކަތް ފަށައިފި
ފ. ފީއަލި ކައިރިން ފުރައިގެން މާލެ ދަތުރުކުރަމުން އައި ދޯންޏެއް އަޑިޔަށް ދާތީ އެ ދޯންޏާއި އެ ދޯނީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ފީއަލި ކައިރިން ފުރައިގެން މާލެ ދަތުރުކުރި "އަލަމާ-05" ނަމަކަށް ކިޔާ ދޯންޏެއް ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުން ދިޔަވެ އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.
މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީރޭ 23:22 ހާއިރުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯނީގައި ތިބީ ތިން މީހުންނެވެ. އަދި މިދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި އުޅަނދާއި މީހުން ހޯދުމަށް ޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.