ގެއްލުނު ދޯނީގެ ދެ ފަޅުވެރިޔަކު ހަންބުރިތަކެއްގައި އެލިގެން ތިއްބާ ސަލާމަތްކޮށްފި

ފ. ފީއަލިން ފުރައިގެން މާލެ ދަތުރު ކުރަމުން ދަނިކޮށް، ރޭގެ ވަގުތެއްގައި ގެއްލުނު އަލަމާ-5 ދޯނީގެ ތިން ފަޅުވެރިންގެ ތެރެއިން ދެ ފަޅުވެރިޔަކު ފެނިއްޖެއެވެ.
ހަންބުރިތަކެއްގައި އެލިގެން ތިއްބާ ފެނިފައި ވަނީ، ގެއްލުނު މީހުންގެ ތެރެއިން ބަނގްލަދޭޝަށް ނިސްބަތްވާ ދެ މީހެކެވެ.
މި ދޯނިން ދަތުުރުކުރި، ދޯނީގެ ކެޕްޓަން ކ. ގުރައިދޫ / ނަލަވާ، އާދަމް ޝަފީޤް (32އ) އަދިވެސް ނުފެނެއެވެ.
“އަލަމާ 5” ދޯނި އަޑިއަށް ގޮސްފައި ވަނީ، ވ. އަތޮޅު ފުއްސަރު ފަޅާ ދިމާލު ހަތަރު ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުން ދަނިކޮށް، މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެންނެވެ.
މި ދޯނި ދިޔަވާ ކަމުގެ ޚަބަރު އެމްއެންޑީއެފަށް ލިބިފައި ވަނީ ރޭ 23:22 ކަންހާއިރުއެވެ. އެ ވަގުތުން ފެށިގެން އެމްއެންޑީއެފްއިން ދިޔައީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެ ދޯނީގެ ކައްޕި ދޯނި އަޑިއަށް ދާ ވާހަކަ އެހެން ދޯންޏެއްގެ ކައްޕިއަށް ގުޅައިފައި ބުނި ކަމަށާއި އޭގެ ފަހުން ޚަބަރެއް ނުވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.