ތަރައްޤީގެ މަޝްރޫއުތައް ފެށުމަކީ ނުފޫޒު ފޯރުވުން ކަމަށް އިދިކޮޅު ޕާޓީތަކުން ސިފަ ކުރިޔަސް، ތަރައްޤީގެ މަޝްރޫއުތައް ފަށާ، މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި ފަސް ނުޖެހޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކޮމަންޑޫ ދާއިރާއަކީ އެމްޑީޕީން ގިނަ ވައުދުތަކެއް ވެފައިވާ ދާއިރާއެއް ކަމަށާއި އަދި އެ ވަޢުދުތައް އެ ޕާޓީން ފުއްދަމުންދާ ކަމަށާއި އަދި ނުފުއްދި ހުރި ވައުދުތައް ވެސް ފުއްދަވާނެ ކަމަށެވެ.
އިންތިޚާބު ދުވަސްވަރު ކޮމަންޑޫ ދާއިރާގެ ރަށްރަށުގައި ތަރައްޤީގެ މަޝްރޫއުތައް ފަށާތީ، އެ ދާއިރާއަށް ދެން ވާދަ ކުރާ ޕާޓީތަކުގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވާތީ އެކަމަށް ރައީސް ޞާލިޙް މިރޭ ވަނީ ރައްދު ދެއްވައިފައެވެ. މި ގޮތުން ވިދާޅުވީ، ތަރައްޤީގެ މަޝްރޫއުތަކަކީ ކެންޕެއިނާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ކޮށްދެން ޖެހޭ ކަންތައް ތަކެއް ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މަސައްކަތް ފަށާ ވާހަކަ ބުނީމާ ބަޔަކު ބުނެދާނެ، ކެންޕެއިނަކާ ދިމާކޮށް މަސައްކަތް ފަށަނީއޭ. އެހެން އެ ބޭފުޅުން ވިދާޅުވިޔަސް މި މަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށައިގެން ކުރިޔަށް ގެންދާނަން. މިއީ އަޅުގަނޑުމެންވީ ވައުދެއް. މިއީ މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑުމެން ކޮށްދެން ޖެހޭ ކަމެއް. މިއަކާ ކެންޕެއިނަކާ ގުޅުމެއް ނެތް." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، ކިތަންމެ ގިނަ ފާޑު ކިޔުމެއް އަމާޒުވިޔަސް، ސަރުކާރުން ތަރައްޤީގެ މަޝްރޫއުތައް މަޑު ނުޖައްސާނެ ކަމަށާއި ކޮމަންޑުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް މި ހަފްތާގައި ފައްޓަވާނެ ކަމަށެވެ. ރައީސް އިޝާރާތް ކުރެއްވީ، މަތި ކޮމަންޑޫއާއި ކޮމަންޑޫއާ ދެމެދު އެޅުމަށް މި ސަރުކާރުން ވައުދުވި ބްރިޖަށެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެމްޑީޕީންވި ވައުދުތައް ފުއްދޭނީ އެމްޑީޕީގެ ކެނޑިޑޭޓަކަށް ކަމަށެވެ. އަދި އެމްޑީޕީގެ ވައުދުތައް ފުއްދުމަށް ޖާގަ ދެއްވުމަށް ރައީސް ޞާލިޙް އެހެން ޕާޓީތަކަށް ގޮވާލެއްވިއެވެ.
"އަޅުގަނޑު ދަންނަވަން ބޭނުމީ މިދާއިރާގައި ވާދަކުރައްވާ އެހެން ޕާޓީތަކުން އިހަށް ވާނީ މަޑުކޮށްލަން. އަޅުގަނޑުމެން ވެފައިވާ ވައުދުތައް އެބަހުރި، އެކަން ކުރެވޭނީ މި އެމްޑީޕީއަށް. މިދާއިރާގައި ވެސް އެބަހުރި އަޅުގަނޑުމެންގެ ވައުދުތަކެއް." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ގައުމު ވިއްކާ ލާފައި ގައުމު ގެ ތަރައްގީއޭ ގޮވާނެ ކަމެއްނެތް.އިސްތިއުފާދީ.
ޢެޔޮނބޮޑު ދަރަނި ަދަަނުކުރަނީތަ ދަރަނޏާހުރެ ބޮލައްއުދަހޫވޭ