ޚަބަރު

އިންސާނީ ވަގުފާރީގެ މައްސަލައެއްގައި ދެ ދިވެހިން ހައްޔަރުކޮށްފި

އާއިޝަތު ޖަނާ ސަމީރު

އިންސާނީ ވަގުފާރީގެ މައްސަލައެއްގައި ދެ ދިވެހީން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ ރޯޝަނީމާގޭ މޫސާ ފަތުހީ (55) އަދި ހ.ސީސްޕީޑް މުހައްމަދު ވަހީދު(65)އެވެ.

ކްރިމިނަލް ކޯޓުން ވަނީ މި ދެމީހުންގެ މައްޗަށް 10 ދުވަހުގެ ބަންދެއް ޖަހައިފައެވެ. އެނގިފައިވާ ގޮތުގައި ވަހީދަކީ މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ މީހެކެވެ.

މި ދެމީހުން ކުށްކުރި ކަމުގެ ހެކި ފުލުހުން ހުށަހަޅައިފައިވާ ކަމަށާއި ، ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓަށާއި މިކަމުގެ ޝިކާރައަކަށްވި މީހާ އަދި ހެކިވެރިން ދީފައިވާ ބަޔާންތަކުން މޫސާ ފަތުހީ އަދި މުހައްމަދު ވަހީދުގެ މައްޗަށް ކޮށްފައިވާ ތުހުމަތަށް ބާރު ލިބޭކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ވަހީދަކީ އުމުރުން ދުވަސްވީ ބަލި މީހެއް ކަމަށް ބުނެފައި ވާތީ 10 ދުވަހަށް ފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެން އޮންނަ އަޑުއެހުމަކަށް ބަލި ހާލަތާ ގުޅޭ ލިޔެ ކިޔުންތައް ހުށަހަޅައިފި ނަމަ އެއަށް ރިޢާޔަތް ކުރާނޭކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

އިންސާނީ ވަގުފާރީގެ ޝިކާރައަށްވީ މީހާއަށް ބިރު ދައްކަން އަދިވެސް ވަހީދު މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ ފަތުހީގެ ދިފާއުން ބުނެފައި ވަނީ ފަތުހީގެ މައްޗަށް މި މައްސަލައިގައި ތުހުމަތު ވަނީ ވަހީދު ބުނެގެން ކޮށްދިން ކަމެއްގެ ސަބަބުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!