ހޮސްޕިޓަލްތަކުގައި ހަމަނުޖެހުން އުފެދޭ ކަންކަން ނުކުރަން ގޮވައިލައިފި

ހޮސްޕިޓަލްތަކުގައި ހަމަނުޖެހުން އުފެދޭ ކަންކަން ނުކުރާން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ގޮވައިލައިފިއެވެ.
އެޗްއާރްސީއެމުން ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އެހެން ނަމަވެސް އާއްމު ސިއްހަތުގެ މި ނާޒުކު ހާލަތުގައި ހޮސްޕިޓަލްތަކާއި އެ ނޫން ވެސް އާއްމު ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހަމަނުޖެހުން އުފެދޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެޗްއާރުސީއެމުން ވަނީ ގޮވައިލައިފައެވެ.
އެޗްއާރުސީއެމުން އިތުރަށް ވިދާޅުވީ އެއްވެ އުޅުމުގެ ހައްގު ބޭނުން ކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރިކަމާ އެކު ކަމަށާއި ހައްގުތައް ބޭނުން ކުރުމުގައި އަނެކާގެ ހައްގަށް އިހްތިރާމްކުރަން ވާނެ ކަމަށެވެ. އަދި ކޮވިޑް ފެތުރެމުންދާ މިނާޒުކު ހާލަތުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެންމެހައި ފަރާތަކުން އަމަލު ކުރުމަށް ވެސް އެޗްއާރްސީއެމުން ވަނީ ގޮވައިލައިފައެވެ.
މީގެ އިތުރުން ރާއްޖޭގައި ކުރިއަށްގެންދާ އެއްވުންތައް އާއްމުކޮށް މޮނީޓާކުރާ އުސޫލުން މިހާރު ކުރިއަށްދާ މުޒާހަރާތައް ވެސް މޮނީޓާކުރާނެ ކަމަށާއި ޖެނުއަރީ ވަނަ ދުވަހުގެ ފަތިހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުގެ އާރްއާރްޓީ ޓީމެއް އައިޖީއެމްއެޗަށް ގޮސް އަނިޔާވިކަމަށް ބުނާ މީހާގެ ހާލަތު ބަލައިފައިވާ ކަމަށް އެޗްއާރްސީއެމުން ވިދާޅުވިއެވެ.