މޮނިޓަރިންއިން އައްޑޫ ސިޓީ ނެގިފަހުން ހާލަތު ދަނީ ގޯސްވަމުން
އައްޑޫސިޓީގެ ކޮވިޑުގެ ހާލަތު އެސިޓީ މޮނިޓަރިންއިން ނެގިފަހުން އަނެއްކާ ވެސް ގޯސްކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ)އިން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނިޒާރު ވިދާޅުވީ ފާއިތުވެދިޔަ 8 ދުވަހަށް ބަލާއިރު އައްޑޫގައި ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި އެ ސިޓީ މޮނިޓަރިންއަށް ނުލައި ކޮވިޑްގެ ހާލަތުން އަރައިގަނެވޭނީ އާންމުންނާއި ސަރުކާރުގެ އިދާރާތަކުން އެއްބާރުލުން ދިނުމުންކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
އެގޮތުން އައްޑޫގައި ހަޕްލާތަކާއި ޖަލްސާތައް ކުރިއަށް ނުގެންދިޔުމަށް ނިޒާރު ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި ފިހާރަތަކާއި ރެސްޓޯރެންޓުތައް ހުޅުވާއިރު ވެސް އެޗްޕީއޭގެގައިޑްލައިންތަކާ އެއްގޮތަށް ކަންތައް ކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ. މީގެ އިތުރުން މާސްކް އެޅުމަށާއި އިޖްތިމާއީ ގައިދުރުކަން ދެމެހެެއްޓުމަށް ވެސް ނިޒާރު ވަނީ އިލްތިމާސް ކޮށްފައެވެ.
މާލޭގައި ކޮވިޑްގެ އައު ވޭރިއެންޓް ،އޮމިކްރޮން ވަރަށް ބޮޑަށް ފެތުރިފައިވާތީ އައްޑޫސިޓީއަށް މާލެއިން ފުރައިގެން ދާނަމަ ނައްސި ޕީސީއާރް ޓެސްޓެއް އޮންނަން ޖެހޭނެކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރު ވިދާޅުވީ މިސިޓީގެ ކޮވިޑުގެ ހާލަތު ބޮއްސުންލައިގެން ގޮސްފި ނަމަ ކޮންޓްރޯލުކުރަން ދަތިވާނެކަމަށެވެ.
މިވަގުތު އައްޑޫގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު ޖުމުލަ 159 ހަރަކާތްތެރި ވޭދަނައެއް ވެއެވެ. ނިޒާރު ވިދާޅުވީ އޭއީއޯސީގެ އަމާޒަކީ ރަށް ބަންދުނުކޮށް ކޮވިޑުގެ މިހާލަތުން އަރައިގަތުން ކަމަށެވެ.