ޚަބަރު ސިޔާސީ

ރައީސް ޔާމީން އިންޑިއާ އައުޓް ޓީޝާޓު ތުރުކުރެއްވުމަކުން ދަންނަވާނެ އެއްޗެއް ނެތް: ޝާހިދު

  • އިންޑިއާ އައުޓު ކެމްޕެއިންގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާނެކަމަށް ވިދާޅުވި
  • އިދިކޮޅު ކެމްޕެއިނަކީ އަމިއްލަ މަސްލަތު ހިމާޔަތްކުރަން ކުރާ ކަމެއްކަމަށް ވިދާޅުވި
  • އިންޑިއާއިން ރާއްޖެއަށް އެހީވަނީ ވަކި ވެރިޔަކު ހުންނެވުމުން ނޫންކަމަށް ވިދާޅުވި
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ، "އިންޑިއާ އައުޓު" ޖަހައިފައި ހުންނަ ޓީޝާޓު ތުރުކުރެއްވުމުން އެކަމާ ގުޅިގެން ދަންނަވާނެ އެއްޗެއް ނެތްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އދ.ގެ އާންމު މަޖިލީހުގެ މިދައުރުގެ ރައީސްކަން ވެސް ކުރައްވާ ޝާހިދު ރާއްޖޭގެ އޮންލައިން މީޑިއާ "ސަން"އަށް ދެއްވި ވީޑީއޯ ބަސްތީގަތުމެއްގައި ވިދާޅުވީ އެ މަނިކުފާނަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން މީހަކު ލާ ހެދުމެއް ނުވަތަ ހިންގަވާ ހަރަކާތަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވާކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެން ނަމަވެސް އިންޑިއާ އައުޓު ކެމްޕެއިނަކީ ދިވެހި ރައްޔިތުންނަށް އޭގެން އެއްވެސް ވަރެއްގެ ފައިދާއެއް ކުރާނެ ކަމެއް ނޫންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭގެ ހާރިޖީ ސިޔާސަތު ވާންޖެހޭނީ ޒީރޯ ސަމް ގޭމަކަށް ނޫން. ދެގޮތުންކުރެ އެއް ގޮތެކޭ ބުނެ ނިންމާލެވޭ ވަރަށް ވުރެ ފުޅާކޮށް އޮންނަ ހާރިޖީ ސިޔާސަތެއް ދިވެހިރާއްޖެއަށް ފައިދާހުރި ސިޔާސަތަކީ." ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭގޮތުން ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގައުމެއްގެ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގައި އޮންނަން ޖެހޭނީ އެގައުމެއްގެ އެންމެ މަތީ ގައުމީ މަސްލަހަތު ހިމާޔަތްކުރުން ކަމަށާއި ކޮންމެ ގައުމެއްގެ ވެސް އެންމެ މަތީ މަސްލަހަތަކީ އެގައުމެއްގެ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތަށް އަމަލުކުރުން ކަމަށެވެ. އަދި ވިދާޅުވީ ދިވެހިރާއްޖެއަކީ މައިގަނޑު އިގްތިޞާދު މަސްވެރިކަމާއި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމެއްކަމަށް ވީހިނދު، މަސްކޮޅު ވިއްކަން ޖެހޭނީ އަދި ފަތުރުވެރިން ވެސް ގެންނަން ޖެހޭނީ ރާއްޖެއިން ބޭރުން ކަމަށެވެ. އެހެންކަމުން ބޭރު ގައުމަކާއި ދިމާކޮށްލައިގެން، އަދި "ރަތް މަހަކަށް ނުބަވާ ވަރަށް" ހުތުރު ބަސް ބުނުމަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ނޫންކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

"އެކަމަކު ވަކި ބައެއްގެ ނުވަތަ ވަކި މީހެއްގެ މަސްލަހަތު ކަމުގައި ވެދާނެ." އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއަށް މިހައިތަނަށް ދިވާމެފައިހުރި ކޮންމެ ބޮޑު ކާރިސާއެއްގައި ވެސް އެހީތެރިކަން ވަކީލުން ހަމަޖައްސަން ފޯރުކޮށްދީފައި ވަނީ އިންޑިއާއިން ކަމަށެވެ. އެގޮތުން ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ރާއްޖޭގެ ހިތްވަރުގަދަ ސިފައިންގެ ޖިހާދުގައި އިންޑިއާ ސިފައިން ވެސް ބައިވެރިވެ ރާއްޖޭގެ މިނިވަންކަން ދިފާއުކޮށްދިންކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން 2004ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި 2014 ވަނަ އަހަރުގެ ފެނުގެ ކާރިސާގައި ވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިޕެންޑެމިކްގެ ތެރޭގައި މުޅި ދުނިޔެ ބަންދުވެފައި އޮއްވަ، އަޅުގަނޑުމެންނަށް ބޭހާ ކާބޯތަކެއްޗާ އަދި ނުވިތާކަށް ފައިސާގެ އެހީއާ ދެމުން ގެންދިޔައީ އިންޑިއާއިން" އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެނީ ރާއްޖޭގެ ރައީސްކަމުގައި ވަކި ބޭފުޅަކު ހުންނަވާތީ ނޫން  ކަމަށެވެ. އެކަން ތާރީހުން އެނގެން އޮތްކަމަށާއި އިންޑިއާ – ރާއްޖޭގެ ގުޅުމަކީ ވަކި ބޭފުޅަކާ ނުވަތަ ވަކި ޕާޓީއަކަށް ނިސްބަތްވާ ގުޅުމެއް ނޫންކަން ފާހަގަ ކުރައްވައި ވިދާޅުވީ މިއީ ދެގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތް ގުޅުމެއް ކަމަށެވެ.

އިދިކޮޅަށް ނިސްބަތްކޮށް ޝާހިދު ވިދާޅުވީ އެވަގުތު ތިބި ހާލަތަކަށް ބިނާކޮށް އިންޑިއާއާ ދެކޮޅަށް ކެމްޕެއިނެއް ކުރިއަށް ގެންދިޔުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ. ރައީސް ޔާމީނަށް އިޝާރާތްކޮށް ޝާހިދު ވިދާޅުވީ މިހާރު އިންޑިއާއާ ދެކޮޅަށް ވާހަކަފުޅު ދެއްކެވި ނަމަވެސް ކުރިން ދެއްކެވީ މުޅިން އެހެން ވާހަކަފުޅެއް ކަމަށެވެ.

"އެންމެންނަށް ފެންނަ ތަނުގައި އެހެރީ. ކުރިން ވިދާޅުވެފަ ހުރި ވާހަކަތަކާ، މިހާރު ދައްކަވާ ވާހަކަތަކާ ހަމަ އުޑާ ބިމާހާ ތަފާތު. އޭރު ވިދާޅު ވަނީ ހަމަ އިންޑިއާ ކަނޑުގައި އޮތް އެންމެ ކުޑަކުޑަ ނާޒުކު ގައުމޭ. އެހެންމަ ސިޔާސީ މީހުން މާބޮޑެތި މީހުންނަށް ހެދިގެން ޖަޒުބާތުގައި އަވައްޓެރި ގައުމުތަކާ ދިމާކޮށްލައިގެން އުޅޭކަށް ނުވާނެއޭ." ރައީސް ޔާމީން ކުރިން ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވަމުން ޝާހިދު ވިދާޅުވިއެވެ.

އާންމު ފަރުދެއްގެ ހައިސިއްޔަތުން ހިތްފުޅަށް އަރާ ވަޑައިގަންނަވަނީ އިދިކޮޅުން އެކުރާ ކަމެއް ކުރަނީ ރައްޔިތު މީހާއަށް ހެޔޮ އެދިގެން ނޫން ކަމަށާއި އެކަން ކުރައްވަނީ މިވަގުތު ހުންނެވި ހާލަތެއްގެ ގޮތުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިންޑިއާ އައުޓުގެ ވާހަކަ ރައީސް ޔާމީން ދައްކަވަނީ ދައްކަވާނެ އެހެން ވާހަކައެއް ނެތުމުންކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

Ads by Ooredoo
  1. އެއްކަލަ ބޮޑު ހިބަރު ވަދުގަޑު މިފަހަރު ހައްސި ބާނައިގެން ދާތި !