ކޮމަންޑޫން ރައީސް ޔާމީނަށް ހޫނު ތަރުހީބެއް

މި އަންނަ މަހު ފަސްވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްއަށް ކެނޑިޑޭޓަށް ތާއީދު ހޯދުމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން މިއަދު ކޮމަންޑުއަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ރައީސް ޔާމީން މިއަދު އެރަށަށް ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ބަޔަކު ރައީސް ޔާމީނަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ވަނީ ޖަމާވެފައެވެ. ބަނދަރު ސަރަހައްދުގައި ތިއްބެވި ބޭފުޅުންނާ ރައީސް ޔާމީން ވަނީ ސަލާމް ކުރައްވައިފައެވެ.
މިއަދު ހެނދުނު ޕީޕީއެމްގެ ލީޑަރުޝިޕްގެ ބައެއް ބޭފުޅުން ވެސް އެރަށަށް ވަޑައިގެންނެވިއެވެ. ރައީސް ޔާމީން މިއަދު ށ.އަތޮޅަށް ވަޑައިގަތީ، ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުޙީގެ ކެންޕެއިންގައި ބައިވެރިވެވަޑައިގަތުމަށާއި "އިންޑިއާ އައުޓް"ކެމްޕެއިންގެ ހަރަކާތަކަށެވެ. މި ދަތުރުފުޅުގައި ކޮމަންޑޫގެ އިތުރުން، ފޯކައިދުއަށާއި މަރޮއްޓަށް ރައީސް ޔާމީން ވަޑައިގަންނަވާނެއެވެ.
ޕީޕީއެމްގެ އިތުރުން މި ދާއިރާއަށް ވާދަ ކުރަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީންނާއި ކާނަލް ނާޒިމްގެ ޕާޓީ އެމްއެންޕީިންނެވެ. މި ދެ ޕާޓީން ވެސް ކޮމަންޑޫ ދާއިރާގައި ދަނީ ވަރުގަދަ ކެންޕެއިންތަކެއް ކުރައްވަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ނިޔާވުމުންނެވެ.
ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.