ޚަބަރު

އިންތިޚާބު ވަގަށް ނުނަގައިފި ނަމަ ދެން ވެރިކަން ކުރާނީ ޕީޕީއެމްއިން: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތާއީދު ކުރައްވަނީ އިދިކޮޅުގައި މި ވަގުތު އޮތް ޕީޕީއެމަށް ކަމަށާއި މި އަންނަ އަހަރު އަހަރު އޮންނަ ރިޔާސީ އިންތިޚާބު ވަގަށް ނުނަގައިފި ނަމަ ވެރިކަން ކުރައްވާނީ ޕީޕީއެމްއިން ކަމަށް އެ ޕާޓީގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓަށް ތާއީދު ހޯއްދެވުމަށް އެ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގައި، މިއަދު ށ. ކޮމަންޑުއަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ، މިއަދު ގިނަ ދިވެހި ރައްޔިތުން ޤަބޫލު ކުރާ އަދި ދިވެހިންގެ މެދުގައި ވިކޭ ފިކުރަކީ ޕީޕީއެމްގެ ފިކުރު ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، ޕީޕީއެމްގެ ފިކުރަކީ ބިނާ ކުރުމުގެ ފިކުރު ކަމަށެވެ.

"ދެން ވެސް ޤަބޫލު ކުރައްވާށޭ. އިންތިޚާބަށް ދެން މި އޮތީ ދޮޅު އަހަރު. މި އަންނަ އިންތިޚާބަކީ ވެސް ވަގަށް ނުނަގާ އިންތިޚާބެއް ކަމަށް ވަންޏާ އެއީ ޕީޕީއެމްގެ އިންތިޚާބެއްގެ ގޮތުގައި ކަށަވަރު ކުރައްވާ. ﷲގެ ރަޙަމްތްފުޅާ އެކީ އެ ނޫން ގޮތަކަށް އެކަންތައް ވެގެން ނުދާނެ. އެއީ އެކަން އޮތް ގޮތް." ރައީސް ޔާމީން ވިދާޅުވިއެވެ.

2018ވަނަ އަހަރު އޮތް އިންތިޚާބު އޮޅުވައިލައިފައިވާ ކަމަށް ބުނެ އޭރު އިދިކޮޅުން ވަނީ ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފަފައެވެ. ފަހުން ރައީސް ޔާމީން ޖަލުން، މިނިވަންވެ ވަޑައިގަތުމުން އިންތިޚާބު ވަގަށް ނެގި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އަނެއްކާ ވެސް ފެށުނެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިޚާބަކީ ރިޔާސީ އިންތިޚާބާ ދޭތެރޭ އަޅާ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ވަގަށް ނެގުނު ނަމަވެސް، ދިވެހިން ދެން އެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެ ދާއިރާގައި ކުރިޔަށް ގެންގޮސްފައިވާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް އެ މަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން ވިދާޅުވީ، އެ ދާއިރާގައި ހިމެނޭ ތިން ރަށަށް ޖުމްލަ 500 މިލިޔަން ރުފިޔާ ތަރައްޤީގެ މަޝްރޫއުތަކަށް ޚަރަދު ކުރެވުނު ކަމަށެވެ. މި މޭރުމުން ރައީސް ވާހަކަފުޅު ދެއްކެވީ، ޔާމީންގެ ވެރިކަމުގައި ކޮމަންޑޫ ދާއިރާއަށް ތަރައްޤީގެ މަޝްރޫއެއް ގެނެސްފައި ނެތް ކަމަށާއި އެފަދަ ވިސްނުންފުޅެއް ވެސް ނުގެންގުޅުއްވާ ކަމަށް އެމްޑީޕީން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮންނަނީ މިއަންނަ މަހު ފަސްވަނަ ދުވަހުއެވެ. އިންތިޚާބު ކައިރިވާ ވަރަކަށް މި އިންތިޚާބުގައި ވާދަކުރާ ޕީޕީއެމްގެ އިތުރުން، އެމްޑީޕީ އަދި އެމްއެންޕީގެ ކެންޕެއިން ހަރަކާތްތައް ދަނީ ވަރުގަދަ ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!