ޚަބަރު

ބޯހިޔާވަހިކަމާއި އެއަރޕޯޓެެއްގެ އުއްމީދު ކޮމަންޑޫ ދާއިރާއަށް!

  • ދިގުވެލިދޫގައި އެއާޕޯޓެއް އަޅަން ރައީސް ޔާމީން ވަޢުދުވެ ވަޑައިގެންނެވި
  • ބިން ހިއްކުމުގެ މަޝްރޫއަކީ ޕީޕީއެމްގެ ސަރުކާރުގެ މަޝްރޫއުއެއް ކަމަށް ވިދާޅުވި
ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ ދަތިކަމާއި ދަތުރުފަތުރު ކުރުމުގެ ދަތިކަމަށް ހައްލު ގެނެސް ދޭނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެ މަނިކުފާނުގެ ޒައާމަތުގައި އެ ދާއިރާއަށް ކޮށްދީފައިވާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

މިގޮތުން ވިދާޅުވީ، އެ ދާއިރާގެ ތަރައްޤީއަށް އެ މަނިކުފާނުގެ ސަރުކާރުގެ ތިން އަހަރުގައި ޖުމްލަ 500 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތާންގައި ވެސް އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދޭނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މިރަށަށް އެންމެ ބޭނުންވާ ކަމަކީ ބޯހިޔާވެހިކަން. ކަށަވަރު ކުރައްވާށޭ އަަޅުގަނޑު މިދަންނަވަނީ ﷲގެ ރަޙްމަތާއެކު ބޯހިޔާވެހިކަމުގެ މައްސަލަ ކޮމަންޑުއަށް ހައްލުވެގެންދާނީ، ޕީޕީއެމްގެ ސަރުކާރެއްގައި. އަޅުގަނޑުމެންގެ ވިސްނުންތަކެއް އޭރު ވެސް ހުރި، އެ ވިސްނުންތައް އަޅުގަނޑުމެން އޭރު ވެސް ކުރިޔަށް ގެންދިޔައިމު." ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ދަތިތަކުގެ އިޙްސާސް ޕީޕީއެމްއަށް ކުރެވެނީ އިންތިޚާބެއް ކައިރިވުމުން ނޫން ކަމަށެެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި އެ ދާއިރާގެ ރައްޔިތުންނަށް އެއާޕޯޓެއް ވެސް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މިތާ ކައިރީގައި މި އޮތް ދިގުވެލިދޫއަކީ، ތި ބޭފުޅުންނާ މާލެއާ، އަދި ތިބޭފުޅުންނާ އެހެން ރަށްރަށާ ގާތް ކޮށްދޭނެ ވައިގެ ބަދަރެއް އޮންނާނެ ރަށެއް"

އިންތިޚާބާ ދިމާކޮށް، ކޮމަންޑުއާއި މަތި-ކޮމަންޑޫ ގުޅުވައިލުުގެ މަޝްރޫއު ކުރިޔަށް ގެންދާތީ ރައީސް ޔާމީން ވަނީ އެކަމަށް ފާޑު ވިދާޅުފައެވެ. މިގޮތުން ވިދާޅުވީ، އިންތިޚާބެއް ކައިރިވުމުން ސަރުކާރަށް ކޮމަންޑު ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި އިހްސާސްވާން ފަށައިފައިވާ ކަމަށެވެ. ނަމަވެސް ޕީޕީއެމްއިން އަބަދުވެސް ރައްޔިތުންނާ ގާތުން، ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ކޮމަންޑު ބޮޑު ކުރުމުގެ މަޝްރޫއަކީ ޕީޕީއެމްގެ މަޝްރޫއުއެއްކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން ފެށި މަޝްރޫއެއްގެ ވާހަކައެއް އަނެއްކާ ވެސް އެމްޑީޕީގެ ސަރުކާރުން އެ ވާހަކަ ދައްކަވަނީ. އެ ދައްކަވަނީ ބިން މުއްސަދިކުރާ ވާހަކަ، ބިން ބޮޑު ކުރާ ވާހަކަ. އެކަމަކު އެއާ އެކީގައި ދަންނަވާނީ، އެ މަސައްކަތުގައި އޭރު ކުރަން ޖެހޭ މަސައްކަތް ނިންމާ، އެއީ ގާތްގަނޑަކަށް 91 މިލިޔަން ރުފިޔާގެ މަޝްރޫއެއް. އެކަންކޮށްފައި ވަނީ އަޅުގަނޑުމެންގެ ސަރުކާރުން

ކޮމަންޑޫ ދާއިރާ ހިމެނޭ ސަރަހައްދަކީ މަސްވެރި ސަރަހައްދެއް ކަމަށާއި އެގޮތުން ށ.ކީކިމިނި މަސްފެކްޓްރީގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ޕީޕީއެމްގެ ސަރުކާރެއްގައި މަސައްކަތް ކުރާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ކުރީ ސަރުކާރުގެ ފަހު ދެ އަހަރު މަސްވެރިކަމުގެ ދާއިރާގައި ވަރުގަދަ މަސައްކަތްތަކެއް ކުރެވުނުު ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުތަށް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނާއި ޤައުމަށް ވެސް އިހުލާސްތެރި މަސައްކަތެއް ނުކުރެވޭ ކަމަށާއި، ޤައުމަށް ވެސް ފައިދާ ހުރި އެއްވެސް ކަމެއް މި ސަރުކާރަށް ނުކޮށްދެވޭ ކަމަށެވެ. އަދި ޤައުމީ އެއަރލައިން މި ސަރުކާރުން ބަނގުރޫޓްކޮށްލައިފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއްގައި ވައިގެ ބަދަރުތައް ހެދި ކަމަށާއި އެހެން ނަމަވެސް ޕްލައިޓްތައް ޖައްސާ ކުންފުނީގައި މިއަދު ހަކަތަ ހުސްވެފައިވާ ކަމަށެވެ. މިގޮތުން މޯލްޑިވިއަން މިއަދު ގެއްލުމުގައި ހިނގަމުންދާކަން ފާހަގަ ކުރައްވަމުން، ރައީސް ޔާމީން ވަނީ މިފަދަ ކަންކަން ބަދަލު ކުރެވޭނީ އެންމެން އެކުގައި ނިކުމެގެންކަމަށް ވިދާޅުފައެވެ. އަދި އިދިކޮޅުން ކުރާ މަސައްކަތަށް ތަރުޙީބު ދެއްވުމަށާއި، ގެންނަން އުޅޭ ބަދަލުގެ ބައިވެރިޔަކަށްވުމަށް ރައީސް ޔާމީން އިރުޝާދު ދެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!