މަޖިލީހުގެ ހުރިހާ ކަމެއް ހުސްވެފައި އޮތީ ރައްޔިތުންނަށް ޓަކައި : ނައިބު ރަައީސް
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ކަމެއް ވެސް އޮތީ ރައްޔިތުންނަށް ޓަކައި ހުސްވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޓޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނުގެ ބައިވެރިވެވަޑައިގަތުމަށް އެ ދާއިރާގެ ފޯކައިދުއަށް ވަޑައިގެން މިއަދު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމަށާއި މަޖިލީހުގެ ހުރިހާ ކަމެއް އޮތީ ރައްޔިތުންނަށް ޓަކައި ހުސްވެފައި ކަމަށެވެ.
ނަމަވެސް ޕީޕީއެމްގެ މެޖޯރިޓީ އޮތް މިދިޔަ 18 ވަނަ އަހަރުގެ މަޖިލީހުގައި މެންބަރުން މަޖިލިސް ކުރާ ގެޔަށް ވަނުމުގެ ހުއްދަ ނެތް ކަމަށް ވެސް ވިދާޅުވިއެވެ. ކާށިދޫ ދާއިރާގެ މެމްބަރުކަން އޭރު ކުރެއްވި ފައިސަލް ވިދާޅުވީ، އެ ދުވަހު ޤާނޫނީ ޒިންމާ އަދާ ކުރަން އުޅުނު މެންބަރުންނަށް ދިން އަނިޔާގެ ވާހަކަ ނުދެއްކިޔަސް އެއީ ރައްޔިތުންނަށް އެނގޭ ވާހަކައެއް ކަމަށެވެ.
"މެޖޯރިޓީއެއް އޮވެގެން ބަޔަކު، ވޭތުވެދިޔަ މަޖިލީހުގައި، އަޅުގަނޑު ވެސް ހިމެނުނު މަޖިލީހުގައި ކަންތައްތައް ހިނގާ ދިޔަގޮތް ވަރަށް ސާފުކޮށް ފެނިގެންދާނެ. އެދުވަހުގެ ހާލަތަކީ އަޅުގަނޑުމެންނަށް މަސްއޫލިއްޔަތު އަދާ ކުރުމަށް ޓަކައި، އަޅުގަނޑުމެން ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށް ޓަކައި އެ ގެޔަށް ވަނުމުގެ ފުރުސަތު ވެސް ނުލިބުނު" ފައިސަލް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަހަން ކެރޭ ކަމަށާއި ރައީސް ޞާލިޙް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުން މިކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ކޮވިޑް-19 ދަތި ހާލަތުގައި ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫއުތައް ސަރުކާރުން ކުރިޔަށް ގެންދެވިކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ ސިއްހީ ދާއިރާއަށް މިއަދު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމާށެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްޤުތައް ކަށަވަރުކޮށްދީ، އަތޮޅުތަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީ ގެނެސްދިނުމަކީ މި ސަރުކާރުގެ މައިގަނޑު އަސާސްކަމަށްވާ އިރު، އެކަންކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކޮށްދީފައިވާކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަހަން ކެރޭ ސަރުކާރެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުން ވަރަށް ރަނގަޅަށް ހާމަކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.