ޚަބަރު

ސަރުކާރުގެ މެންބަރަކު ހުރެގެންވާ ކަމެއް ހަމަ ހަރާން: ނާޒިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެމްއެންޕީން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ/އެމްއެންޕީ

ކޮމަންޑޫ ދާއިރާގައި މިދިޔަ ތިން އަހަރުގައި ހުރީ ސަރުކާރުގެ މެންބަރެއް ކަމަށާއި ނަމަވެސް ސަރުކާރުން އޮތީ އެ ދާއިރާއަށް ވަރަށް ބޮޑަށް އިޙްމާލުވެފައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްއެންޕީން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަ ކުރައްވާ ކެނޑިޑޭޓްގެ ވައުދުތައް ހާމަކުރުމަށް މިރޭ މާލޭގައި ހުންނަ އެ ޕާޓީގެ ކެނޑިޑޭޓް ޢަބްދުލްހަންނާނުގެ ޖަގަހައިގައި ކުރިޔަށް ދިޔަ ޖަލްސާއެއްގައި ނާޒިމް ވިދާޅުވީ ސަރުކާރަށް ތާއީދު ކުރާ މެންބަރަކު ހުރެގެން ލިބުނު މޮޅެއް ނެތް ކަމަށެވެ.

"ސަރުކާރުގެ މެންބަރަކު ހުރި، ތިން އަހަރުވީ، ކޮބައިތޯ ކޮށްދެވުނު ކަމެއް. ސަރުކާރުގެ މެންބަރަކު ހުރެގެންވާ ކަމެއް ހަމަ ހަރާން" ނާޒިމް ވިދާޅުވީ، މަޖިލިސް މެންބަރެއްގެ ރޯލަކީ ސަރުކާރަށް މަޖުބޫރު ކުރުވައިގެން ކަންކަން ކުރުން ކަމަށެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީން ކޮމަންޑޫ ދާއިރާއަށް ކޮށްދޭނެ ކަންތައްތައް ހާމަ ކުރަމުންދާ ވަރަކަށް ސަރުކާރުން އައު ވައުދުތަކެއް ވަމުން އަންނަ ކަމަށެވެ. އަދި އެމްއެންޕީން ވާހަކަ ދެއްކި ވަރަކަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް އޮތީ ކުރިއެރުން ކަމަށް ވިދާޅުވިއެވެ.

ނާޒިމް އިޝާރާތް ކުރެއްވީ، ސަރުކާރުން މިރޭ ކުއްލިއަކަށް ކޮމަންޑޫ ކައިރީ ތިން ރަށެއްގައި ޓޫރިސްޓް ރިސޯޓްތައް އެޅުމަށް ބީލަމަށް ހުޅުވައިލި ހުޅުވައިލުމަށެވެ.

ކުއްލިޔަކަށް މިރޭ އަޅުގަނޑަށް އިވުނީ ސަރުކާރުން ރަށްފަތީގައި ރިސޯޓް ހަދާ ވާހަކަ. އަޅުގަނޑު ސަރުކާރުގެ ވެރިންނަށް ދަންނަވަން އޮތީ، ސަރުކާރުން ދެން ރައްޔިތުން ގުނބޯ ހައްދަން ނޫޅުއްވާށޭ. ސަރުކާރުން ތި ދައްކަވާ ނަނާ ހުވަފެންތައް ޤަބޫލު ކުރާނެ ބަޔަކު މި ދާއިރާއަކު ދެނެއް ނެތޭ. ރައްޔިތުންނަށް އެނގޭ މިކަންކަން ހިނގާ ގޮތް

މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ކެނޑިޑޭޓަކު ހޮވައިގެންނޭ ކިޔައިފައި ސަރުކާރަށް ޕްރޮޖެކްޓްތައް ހުއްޓައިއި ނުލެވޭނެ ކަމަށާއި 2023 އޮތީ ބޯ މަތީގައި ކަމަށެވެ.

"މިއަދު މާޔޫސްވާކަށް ނެތް. އަޅުގަނޑުމެންގެ ކެނޑިޑޭޓަށް ވޯޓް ލައިގެން މާޔޫސްވާކަށް ނެތޭ. އެއްވެސް ޕްރޮޖެކްޓެއް ހުއްޓައިލާކަށް ނުކެރޭނެ ސަރުކާރަކަށް. ސަރުކާރަށް މަޖުބޫރުވާނެ ހުރިހާ ޕްރޮޖެކްޓެއް ކުރިޔަށް ގެންދަން"

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ފަރުދީ ގޮތުންނާއި އަދި ސަރުކާރާ ގުޅިގެން ކުރެވޭނެ ކަންކަން ހުންނާނެކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، އެމްއެންޕީން މިރޭވި ވައުދުތަކަކީ ނުފުއްދޭނެ ވައުދުތަކެއް ނޫން ކަމަށާއި ނުފުއްދޭ ވަރުގެ ވައުދެއް އެ ޕާޓީން ނުވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!