ސިޔާސީ

އިންޑިއާ އައުޓް ކެމްޕެއިނަކީ އެގައުމުގެ ޓީޗަރުންނާއި ޑޮކްޓަރުންނަށް އަމާޒު ކުރާ ކެމްޕެއިނެއް ނޫން: ޝުޖާއު

  • ޝުޖާއު ވިދާޅުވީ "އިންޑިއާ އައުޓް" ކިޔަނީ "އިންޑިއާ މިލިޓަރީ އައުޓް" ކުރުކޮށްލުމުގެ ގޮތުން ކަމަށް.
ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ އެގައުމުގެ ޓީޗަރުންނާއި، ޑޮކްޓަރުންނާ ދެކޮޅު ހަރަކާތެއް ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން، ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ދިވެހި ރައްޔިތުންނަށް މައްސަލައަކަށް ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުން ކަމަށާއި، އެގައުމުގެ މަސައްކަތްތެރިންނާ މެދުގައި ކަންބޮޑުވުމެއް ނެތް ކަމަށެވެ.

ސްކޫލެއްގެ ފާރުގައި އިންޑިއާ އައުޓް ލިޔުނީ އިދިކޮޅުން ނޫން ކަމަށް ވިދާޅުވެ، އެއީ ސަރުކާރަށް ތާއީދު ކުރާ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް ޝުޖާއު ވެސް ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ މިކަމާ ގުޅިގެން އިންޑިއާ ސަރުކާރުން ކޮށްފާނެ ކަމަކީ އެގައުމުގެ ޓީޗަރުންނާއި ޑޮކްޓަރުން ރާއްޖެއަށް ނުފޮނުވުން ކަމަށެވެ. އެފަދަ ކަމެއް ދިމާވުމުން، ދިވެހީންނަށް އަމިއްލަ ޑޮކްޓަރުންނާއި ޓީޗަރުން ބިނާ ކުރެވޭނެ ކަމަށާއި، އިދިކޮޅު ލީޑަރު ރައީސް ޔާމީން ބޭނުންފުޅު ވަނީ ދިވެހީންނަކީ އަމިއްލައަށް ކަންކަން ކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ހެދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ތިބުމާ އަޅުގަނޑުމެން ދެކޮޅު މިވަނީ ނުރައްކާތެރި ކަންތައް މިތާގައި ހުންނަ އިންޑިއާ އެމްބަސީ ތެރޭގައި ކުރާތީ.

ޝުޖާއު ވިދާޅުވީ ރައްޔިތުން ނުކުމެ އަންނަ މަހުގެ 5 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާއިރު، މިކަންތައްތަކާ ދޭތެރޭގައި ފުންކޮށް ވިސްނައިލާން ޖެހޭ ކަމަށެވެ. އެގޮތުން ގޭގައި ސިކުނޑި ބާއްވައިފައި ވޯޓުލާން ނުދިޔުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ށ.ފުނަދޫ ސްކޫލްގެ ފާރެއްގައި "އިންޑިއަން އައުޓް" ލިޔުނު މައްސަލަ ހޫނުވެ، ފުލުހުން ވެސް ދަނީ މި މައްސަލަ ބަލަމުންނެވެ. މިއީ އިދިކޮޅުން ކުރި ކަމެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ސްކޫލް ފާރުގައި "އިންޑިއަން އައުޓް" ލިޔުނީ ލީޑަރަކު އެކަން ކުރުމަށް ގޮވައިލުމުން ކަމަށެވެ.

އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން މި ތުހުމަތަށް އިންކާރު ކުރެއެވެ. އެގޮތުން މިފަދަ އަމަލެއް ހިންގީ ސަރުކާރަށް ތާއީދު ކުރާ އެކްޓިިވިސްޓުން، އިދިކޮޅު ފަރާތްތައް ބަދުނާމު ކުރުމަށް ކަމަށް ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!