ސިޔާސީ

ކޮވިޑް ކޮންޓްރޯލް ކުރުމަށް މުހިންމު ފިޔަވަޅުތައް ނާޅައި އޮތުމަކީ ކަންބޮޑުވާ ކަމެއް: ޑީޑީ

  • ޑީޑީ ވިދާޅުވީ ހާލަތު ގޯސްވީ އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގައި އެޗްޕީއޭ ފެއިލް ވުމުން ކަމަށް
ފަތޯނާ ފާއިޒު ، ދެން އޮންލައިން
އެމްޑީޕީގެ ކުރީގެ ރައީސް ޑީޑީ

ރައްޔިތުންގެ މަޖިލީހުގެ ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮތުމުން ކަމަށް ބުނެ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މުހިންމު ފިޔަވަޅުތަކެއް ނާޅައި ހުރުމަކީ އިންތިހާއަށް ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ކުރީގެ ރައީސް ޑރ.އިބްރާހީމް ދީދީ(ޑީޑީ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އޭނާ މިހެން ވިދާޅުވެފައި ވަނީ ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމްގައި ވާހަަކަ ދައްކަވަމުންނެވެ.

ޑީޑީ ވިދާޅުވީ އޮމިކްރޯން ވޭރިއަންޓާ އެކު، ކޮވިޑް ވޭދަނތައް އިތުރުވަމުން އަންނައިރު، ސަރުކާރުން އެކަމަށް މާބޮޑު ސަމާލުކަމެއް ދޭތަން ނުފެންނަ ކަަމަށެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެންމެ އެކަށީގެންވާ ވަގުތުތަކުގައި ފިޔަވަޅުތައް އަޅަމުން ނުދާތީ، ބައެއް ފަހަރު ހިތާމަވެރި ހާދިސާތައްވެސް މާޒީގައި ހިނގައިފައި ހުރިކަން ޑީޑީ ފާހަގަކުރެއްވިއެވެ.

އޭނާ ވަނީ މާލެއާއި އަތޮޅު ތެރޭގައި ކޮވިޑް ވޭދަނަތައް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި ކަންބޮޑުވުންފާޅު ކުރައްވައިފައެވެ.

"އެހެން ނަމަވެސް އެޗްޕީއޭގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، ދުވަހުން ދުވަހަށް(ބަލީގެ) ރޭޓް މައްޗަށް މިދަނީ. މިކަމުގައި އަޅުގަނޑަށް ހަމަ ދެންނެވޭނީ އެޗްޕީއޭ ވަނީ ފެއިލް ވެފައޭ. އަދި ސަރުކާރުން ވެސް މިކަމަށް ސަމާލުކަން ނުދެއްވާ ވަކި ކަހަލަ ކަންތައްތަކަށް އެކަނި ސަމާލުކަން ދެއްވާ މަންޒަރު މި ފެންނަނީ." އޭނާ ވިދާޅުވިއެވެ.

ޑީޑީ އިތުރަށް ވިދާޅުވީ ބައި-އިލެކްޝަނާ ދިމާކޮށް ކަންކަން މަތީގައި މީހުން އެއްވުމާއި، މާސްކު ނާޅާ އުޅުން ފަދަ ކަންކަން އިތުރުވެފައިވާއިރު ބަލި ކޮންޓްރޯލް ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނި ވެސް 1594 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެތެރޭގައި މާލެއިން ފައްސިވި 857 މީހުން ހިމެނެއެވެ. އަދި އަތޮޅުތެރެއިން ބަލި ޖެހުނު 438 މީހަކު ހިމެނެއެވެ.

ކޮވިޑްގެ ވޭދަނައް އިތުރުވާން ފެށުމުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެދާނެކަމުގެ އިންޒާރު ވެސް ދެއްވައިފައެވެ. ޑީޑީ ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ އެ ވާހަކަފުޅުން ވެސް އެނގެނީ، ހާލަތު ގޯސްވާނެކަން ރައީސްއަށް ކުރިން އެނގިވަޑައިގެންނެވި ކަމަށެވެ. އެހެން ނަމަވެސް ކުރީ ބައިގައި އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުމުގެ ނަތީޖާއެއްގެ ގޮތުން ހާލަތު ގޯސް ވެގެން ދިޔަ ކަަމަށް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!