ދުބާއީއަށް ކުރެއްވެވި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
- ޔޫ.އޭ.އީގެ ދުބާއީ އަށް ކުރެއްވި ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ޔޫ.އޭ.އީގެ ދުބާއީއަށް ކުރެއްވި ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އެ ރަސްމިއްޔާތަށް ފަހު އެމަނިކުފާނު ވަނީ ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތް ކުރައްވައި އެކްސްޕޯގައި ބަހައްޓައިފައިވާ ޕެވިލިއަންތަކުގެ ތެރޭން ދިވެހިރާއްޖޭގެ ޕެވިލިއަންއާއި ސިންގަޕޫރުގެ ޕެވިލިއަންއާއި އިޓަލީގެ ޕެވިލިއަންގެ އިތުރުން ވިޝަން ޕެވިލިއަންއަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވައިލައްވައިފައެވެ.
ރައީސް ޔޫ.އޭ.އީ.ގެ ދުބާއީއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.