ވެލާނާ އެއާޕޯޓްގެ އޭޕްރަންގައި އެކްސިޑެންޓެއް ހިނގައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އޭޕްރަންގައި މުވައްޒަފުން އުފުލާ ވެހިކަލެއް ލައިޓް ޕޯސްޓެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
“ދެން”އަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ އެއާޕޯޓު އޮޕަރޭޝަންގައި ބޭނުންކުރާ ރޭމްޕް ވެހިކަލެއް ކޮންޓްރޯލުން ނުވެގެން ގޮސް ހޮޅި ދަނޑިއެއްގައި ޖެހިގެން ކަމަށެވެ.
އަދި މި ހާދިސާ ހިނގައި ދިޔަ ގޮތް ބަލަމުންދާ ކަމަށާއި އެކްސިޑެންޓު ހިނގައި ދިޔަ ވަގުތު ވެހިކަލްގައި 3 މުވައްޒަފުން ތިބި ކަމަށް ޝަމްއާން ވިދާޅުވިއެވެ. އެ ތިން މުވައްޒަފުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި މިހާރު ފަރުވާ ހޯދަމުންދާ ކަމަށް ޝަމްއާން ވިދާޅުވިއެވެ.
“އެވަގުތު ވެހިކަލްގައި ތިބީ 3 ސްޓާފުން. 3 ސްޓާފުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައި ވަނީ. މިހާރު ފަރުވާ ހޯދަމުން ދަނީ. ލިބުނީ ކިހައި ވަރެއްގެ އަނިޔާއެއްތޯ އަދި ސާފެއް ނުވޭ” ޝަމްއާން ވިދާޅުވިއެވެ.
ސަމްއާން އިތުރަށް ވިދާޅުވީ މި އެކްސިޑެންޓު ހިނގައިދިޔަ ނަމަވެސް އެއާރޕޯޓުގެ އެއްވެސް އޮޕަރޭޝަނަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި މި ހާދިސާ ވަރަށް ގާތުން ބަލަމުންދާ ކަމަށް ޝަމްއާން ވިދާޅުވިއެވެ.