ޚަބަރު

ބޮޑީގާޑުންނަކީ ސިޔާސީ ބަޔަކަށް ޚިދުމަތް ކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރާ ބަޔަކަށް ވެގެން ނުވާނެ: މާރިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހި ޤައުމީ ދިފާޢީ ބާރުގެ ބޮޑީގާޑުންނަކީ، ހަމައެކަނި 5 އަހަރުގެ މުއްދަތަށް، ސިޔާސީ ބަޔަކަށް ޚިދުމަތްކުރުމުގެ ވިސްނުމުގައި މަސައްކަތްކުރާ ބަޔަކަށްވުމުގެ ބަދަލުގައި، އެއްވެސް ކޮޅަކަށް ނުޖެހި، ވީހައި ވެސް ޕްރޮފެޝަނަލްކޮށް، ޤާބިލްކަމާއެކީ މަސައްކަތްކުރާ ބަޔަކަށްވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިލްތިމާސްކުރައްވައިފިއެވެ.

Ads by MWSC

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، މިއަދު ހެނދުނު ސަދަރން އޭރިއާގެ ޓްރެއިނިންގ ސްކޫލްގައި ބޭއްވި، އެމްއެންޑީއެފްގެ 13ވަނަ ބޮޑީގާޑު ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންގެ އިތުރުން، އެމްއެންޑީއެފް ސަދަރން އޭރިޔާގައި ޙަރަކާތްތެރިވާ އެކި ރޭންކުގެ ސިފައިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަޞައްވުރަކީ، ސިފައިންނަކީ ދިވެހި ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިތުބާރު ލިބިފައިވާ، ފަންނީ، ޤާބިލް، ޕްރޮފެޝަނަލް، ފައިޓިންގ ފިޓް ފޯރސްއަކަށް ހެއްދެވުންކަން ފާހަގަކުރައްވައިފައެވެ. 2015ވަނަ އަހަރުން ފެށިގެން، ބޮޑީގާޑު ޓްރެއިނިންގ ކޯސް ނުބާއްވާތާ 5 އަހަރު ފާއިތުވެފައި ވަނިކޮށް، 2020 ވަނަ އަހަރު، ކޯވިޑް-19ގެ ދަތި އުނދަގޫ ހާލަތުގައި ވެސް، އެކޯސް އިޔާދަކޮށް، 2021ގައި ވެސް އެ ކޯސް ކާމިޔާބުކަމާއެކީ ހިންގައިފައިވަނީ، ރައީސް ޞާލިޙުގެ ތަޞައްވުރު ޙާސިލްކުރުމުގެ ތެރެއިންކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، މެއި 6ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ޢަމާޒުކޮށް ދިން ޓެރަރިސްޓު ޙަމަލާގައި، އެމަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި ސިފައިންގެ ބޭކަލުންގެ ހިތްވަރާއި ހުޝިޔާރުކަމާއި ޕްރޮފެޝަނަލިޒަމްގެ ފުރިހަމަ ނަމޫނާއިން މިސާލު ނެގުމަށް ކޯހުގެ ދަސްވެނިންނަށް އިލްތިމާސްކުރައްވައިފައެވެ.

ބޮޑީގާޑުންގެ މަސައްކަތަކީ އެއްވެސް ޙާލަތެއްގައި ފަސޭހަ މަސައްކަތެއް ނޫންކަން ފާހަގަ ކުރައްވައި، މިނިސްޓަރ މާރިޔާ ވިދާޅުވީ، ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ މުއައްސަސާއަކުން ނުކުމެ، ސިޔާސީ އެކި ލީޑަރުންގެ އަރިހުގައި 24 ގަޑިއިރު މަސައްކަތްކުރާއިރު، ޕަރސަނަލް ސެކިއުރިޓީ އޮފިސަރުން އިސްކަންދޭންވާނީ ސިޔާސީ ނުވެ، ވީހައިވެސް ފުރިހަމަޔަށް، އެމީހުންނާ ހަވާލުކުރެވިފައިވާ ވީއައިޕީ ބޭފުޅެއްގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގެ މައްޗަށް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!