އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލައިފި
އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލައިފިއެވެ.
އުރީދޫއިން ވިދާޅުވީ އެ ކުންފުންޏަކީ ޕަބްލިކް ލިސްޓެޑް ކުންފުންޏަކަށް ވާއިރު އެންމެ އިސްކަމެއްދޭ ކަމަކީ ހިއްސާދާރުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރުމާއި، ހިއްސާދާރުންނާ ގުޅޭ ހުރިހާ ކަމެއްގައި އެންމެހައި ހިއްސާދާރުންނަށް ހަމަހަމަ ފުރުޞަތުތައް ފޯރުކޮށްދިނުމަށް ކުންފުނީގެ މަސައްކަތްތައް ބައްޓަންކޮށް ކުރިއަށް ގެންދިއުން ކަމަށެވެ.
އަދި ދިވެހިރާއްޖޭގައި ކޮވިޑް-19 މިހާރު ފެތުރެމުންދާ މިންވަރަށް ބަލައި، ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި ހިއްސާދާރުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި، ފޯމު ހުށަހަޅަންޖެހޭ ވަގުތު ފާއިތުވިއިރު، ބައެއް ހިއްސާދާރުން ހުށަހަޅުއްވައިފައިވާ ފޯމާއެކު ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅުއްވައިފައި ނުވާ ކަމަށެވެ. އަދި އަނެއްބައި ފަރާތްތަކަކީ މަގާމުގެ ޝަރުތުތައް ހަމަނުވާ ފަރާތްތައް ކަމަށާއި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލައިފައިވާ ކަމަށެވެ.
އަލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލުމުގެ މަޤްޞަދަކީ ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާ އެކު ފުރިހަމަކޮށްފައިވާ ފޯމެއް ހުށަހެޅުމުގެ ހަމަހަމަ ފުރުޞަތު އެ ކުންފުނީގެ އެންމެހައި ހިއްސާދާރުންނަށް ފޯރުކޮށްދިނުން ކަމަށް އުރީދޫން ވިދާޅުވިއެވެ.
އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 27 ޖަނަވަރީ 2012 ވާ ބުރާސްފަތި ދުވަހުގެ 14:00އެވެ. އަދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ހ.ސަންލީޓު (6 ވަނަ ފަންގިފިލާ)، ބޮޑުތަކުރުފާނު މަގު، މާލެ އަށް ކަމަށާއި ފޯމު އީމެލް ކުރައްވާ ނަމަ، [email protected] އަށް އީމެއިލްކުރެއްވުމަށް އުރީދޫން ވަނީ އެދިފައެވެ.
އުރީދޫއިން ވިދާޅުވީ ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅައިފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީއިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅުއްވާނެ ކަމަށާއި 2022 ވަނަ އަހަރުގެ މާޗް މަހު ބޭއްވުމަށް
ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާ އެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިޚާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މަޢުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި 2022ވަނަ އަހަރުގެ ފެބްރުއަރީ މަހު އިއުލާނު ކުރާނެ ކަމަށެވެ.