ދީން

އިބްނު އައްބާސް ޢިލްމު ހޯއްދެވުމަށް ވެވަޑައިގެންނެވި ޤުރުބާނީ

އައްޝައިޚް މުޙައްމަދު މަޢޫން ޝަރީފް ، ދެން އޮންލައިން

އުފަންވެވަޑައިގަތީ: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި ޞަހާބީން ޝިޢުބު އަބީ ތާލިބުގައި ބަންދުވެފައި ތިއްބަވަނިކޮށް؛ އެއީ ހިޖުރައިގެ ތިން އަހަރު ކުރިން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމްދީނަށް ގޮވައިލައްވަން ފެއްޓެވިތާ 10 ވަރަކަށް އަހަރު ފަސް

Ads by Sosun Fihaara

ބައްޕާފުޅު: عباس بن عبد المطلب رضي الله عنه

މަންމާފުޅު: أم الفضل لبابة بنت الحارث رضي الله عنها (ޚަދީޖަތުގެފާނަށް ފަހު ދެން އިސްލާމްވެވަޑައިގަތީ أم الفضل)

އިބުނު ޢައްބާސްއަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ދެބެންގެ ދެ ދަރި ބޭކަލެކެވެ.

أم المؤمنين ميمونة بنت الحارث رضي الله عنها އަކީ އިބުނު ޢައްބާސްގެ މައިފުށު ބޮޑުދައިތައެއް

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގަތުމުން އަބްދުﷲ ބިން ޢައްބާސް އެއްދުވަހަކު އެކަލޭގެފާނު ގެ އެކުވެރި އަންޞާރީ އަކަށް ދެންނެވިއެވެ. يا فلان هلم فلنسأل أصحاب النبي صلى الله عليه وسلم فإنهم اليوم كثير "ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސަހާބީ ބޭކަލުން އަރިހުން ޢިލްމު އުނގެނެން އެބޭކަލުން އަރިހަށް ދަމާ ހިނގާށެވެ. އެތައް ސަހާބީންނެއް ދުނިޔޭގައި އެބަތިއްބެވެ." واعجباً لك يا ابن عباس أترى الناس يحتاجون إليك وفي الناس من أصحاب النبي صلى الله عليه وسلم من ترى؟

އަންޞާރީ: "ތިބާއާއި މެދު އަހަރެން އަޖާއިބުވަމެވެ. (އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ފަދަ )ބޮޑެތި ޞަޙާބީން ދުނިޔޭގައި ތިއްބަވަނިކޮށް އަހަރެމެން ކަހަލަ ޒުވާންކުދިންގެ ކައިރިޔަށް  ޢިލްމު އުނގެނެން އައުމަށް މީސްތަކުން ބޭނުންވާނެހެއްޔެވެ؟" އެކުވެރިޔާގެ މި ވާހަކަ ޤަބޫލުނުކޮށް ޢަބްދުﷲ ބިން ޢައްބާސް ޢިލްމު ހޯދުމުގެ އުނދަގޫ ދިގު ދަތުރު ފެއްޓެވިއެވެ. އެ އެކުވެރިޔާ އޭނާގެ ޢާއްމު ދިރިއުޅުމުގައި އުޅެމުންދެއެވެ. ޢަބްދުﷲ ބިން ޢައްބާސްގެ ނަސަބުފުޅުގެ މަތިވެރިކަމާ އެކު ވެސް އެކަލޭގެފާނުގެ އުސްތާޒުންނަށް އެންމެ މަތީ ދަރަޖައަށް އިހްތިރާމްކުރެއްވިއެވެ.

އެއްދުވަހެއްގެ މެންދުރެވެ. މަދީނަތުލް މުނައްވަރާގެ މަގުތަކަށް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. ގިނަ މީސްތަކުންވަނީ ހެނދުނުގެ ބުރަ މަސައްކަތަށް ފަހު މެންދުރުގެ ޤައިލޫލާގައެވެ. އިންތިހާއަށް ހޫނުގަދައެވެ. ދިލަ ހޫނެއް އެކުލެވިފައިވާ ވައިރޯޅިއެއް ޖެހެމުންދެއެވެ. މި ވައިރޯޅިތަކާއި އެކީގައި އަންނަ ހިރަފުސްތަކާއި ވެލިތައް  އަބްދުﷲ ބުން އައްބާސްގެ ގައިކޮޅަށް އެޅެމުންދެއެވެ.  އެހެން ނަމަވެސް މި ދިލަ ހޫނާއި ހިރަފުހުގެ ތަކުލީފަށް ވުރެ އެކަލޭގެފާނުގެ ޢަޒުމް މާ ވަރުގަދައެވެ. އެކަލޭގެފާނު އޭރު އިންތިޒާރުކުރައްވަމުން ގެންދަވަނީ އެކަލޭގެފާނުގެ އުސްތާޒު ނިކުންނަވާނެ ވަގުތަކަށެވެ.

ކުޑަ ވަގުތުކޮޅެއް ފަހުން އުސްތާޒު ނިކުންނަވައިފިއެވެ. ވަރަށް އޯގާވެރިކަމާ އެކު ވިދާޅުވިއެވެ.

"އޭ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދެބެންގެ ދެދަރި ސާހިބާއެވެ. އަހަރެން ބަލާ މީހަކު ނުފޮނުވީ ކީއްވެ ހެއްޔެވެ؟ އަހަރެން ތިބާގެ ގާތަށް ގޮސް ތިބާއަށް ޢިލްމު ފޯރުކޮށްދިނުން އަހަރެންނަށް މާ ލޮބުވެތިކަން ބޮޑެވެ."

ޢަރަބިންގެ އާދަކާދަ ހުންނަ ގޮތުން މެންދުރުގެ ވަގުތުތަކުގައި އަރާމުކުރާނެއެވެ. އެއީ ދުވަހުގެ އެންމެ ހޫނުގަދަވާ ވަގުތުވެސް މެއެވެ. މެންދުރުގެ އަރާމުކުރުމުގެ ވަގުތަށް ފަހު ދެން ދުވަހުގެ މަސައްކަތްފަށާނީ އަސުރުފަހުން. ޢިލްމު އުނގެނެން އޮންނަ ޝައުޤެއްގެ ބޮޑުކަމުން އަސުރު ވަގުތު ކުރިން އިބުނު ޢައްބާސް އެކަލޭގެފާނުގެ ޢިލްމުވެރިންގެ ގެކޮޅު ކައިރިޔަށް ވަޑައިގަންނަވައެވެ. މިގޮތަށް ކަންތައް ކުރައްވަނީ ޢިލްމު ހޯދުމަށް ގިނަ ވަގުތު ހޯއްދެވުމުގެ ބޭނުންފުޅުގައެވެ.

އޭގެ ޒަމާންތަކެއް ފަހެވެ. އެއްކަލަ އަންޞާރީއަށް އެއްދުވަހު އިބުނު ޢައްބާސް ފެނިވަޑައިގެންނެވިއިރު އެކަލޭގެފާނު ގެ ވަށައިގެން މީސްތަކުން ޖަމާވެފައިވެއެވެ. ދެން އެ އަންޞާރީ ބުންޏެވެ.

كان هذا الفتى أعقل مني

މި ޒުވާނާ އަހަރެންނަށްވުރެ މާބުއްދިވެރިއެވެ.

ރެފަރެންސް:

رواه الدارمي (1/150) (570)، والطبراني (10/244) (10614)، والحاكم (1/188). وقال: هذا حديث صحيح على شرط البخاري، وقال الهيثمي في ((مجمع الزوائد)) (9/280): رواه الطبراني ورجاله رجال الصحيح.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ އެކީ ހޭދަކުރެވުނީ ދެތިން އަހަރެވެ. އެކަމަކު މި ދެތިން އަހަރުގައި އިބުނު ޢައްބާސް ޢިލްމީ ބޮޑު ޚަޒާނާއެއް ޖަމާކުރެއްވިއެވެ. އެންމެ ގިނަ ހަދީސް ރިވާކުރެއްވި 5 ބޭކަލުންގެ ތެރޭގައި އިބުނު ޢައްބާސް ހިމެނިވަޑައިގަންނަވައެވެ. އެއްރެއަކު އިބުނު ޢައްބާސް ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދަމުނަމާދުކުރައްވާ ގޮތާއި އަވަހާރަފުޅު ލެއްޕެވުމުގައި ގެންގުޅުއްވާ އަދަބުތައް ބެއްލެވުމަށް މައިމޫނާގެފާނުގެ ގަނޑުވަރުކޮޅުގައި ހޭދަކުރެއްވިއެވެ.

އޭރު އިބުނު އައްބާސަކީ ބާލިޣުނުވާ ކުޑަކުއްޖެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ޚިދުމަތްކުރެއްވުމަކީ އިބުނު ޢައްބާސްގެ އެންމެ ބޮޑު އެއް އުފަލެވެ. އެއްދުވަހަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް  ވުޟޫކުރާނެ ފެން ތައްޔާރުކުރެވިފައި ހުރިތަން ފެނިވަޑައިގަތެވެ. ސުވާލުކުރެއްވުމުން އެނގިވަޑައިގަތީ މި ފެން ކަންވާރު ތައްޔާރުކޮށް އެތަނަށް ގެންނެވީ އިބުނު ޢައްބާސްކަމެވެ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުޢާކުރެއްވިއެވެ.

އިބުނު ޢައްބާސަށް ދީނުގެ ފިގްހުވެރިކަން ދެއްވާނދޭވެ. ކީރިތި ޤުރުއާނުގެ ތަފްސީރު އުނގަންނަވައިދެއްވާނދޭވެ.

އިބުނު ޢައްބާސްގެ ޢިލްމުވެރިކަމުގެ ފަހަތުގައިވާ އަނެއް ސިއްރަކީ އެކަލޭގެފާނަށް ގިނައިން ސުވާލުކުރާ ދުލަކާއި އަދި ވިސްނާ ފިކުރުކުރާ ހިތެއް ލިބިފައިވުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!