ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތަށް ކެމްޕެއިން ކުރުމަށް އެމްއާރްއެމްއިން ގޮވައިލައިފި
- އިންތިޚާބުތަކާ ގުޅޭގޮތުން ރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތަކާއި ޤަވާއިދުތަކާ ފުށުއަރާ ގިނަ ކަންކަން މީޑިއާގައި ފެންމަތިވަމުން ކަމަށް އެޕާޓީން ވަނީ ބުނެފައި.
ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިން ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރުމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްއިން ގޮވައިލައްވައިފިއެވެ.
އެޕާޓީން މިކަމަށް ގޮވައިލެއްވީ މިއަދު ނެރުއްވި ބަޔާނެއްގައެވެެ.
އެގޮތުން އަންނަ މަހުގެ ފަހެއްގައި ބާއްވާ ބައި-އިލެކްޝަނަށް ފޯރިއާ އެކު އެކި ޕާޓީތަކުން ކެންޕެއިން ކުރަމުންދާއިރު، އިންތިޚާބުތަކާ ގުޅޭގޮތުން ރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތަކާއި ޤަވާއިދުތަކާ ފުށުއަރާ ގިނަ ކަންކަން މީޑިއާގައި ފެންމަތިވަމުން ކަމަށް އެޕާޓީން ވަނީ ވިދާޅުވެފައެވެ.
"ކެންޕެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި، އިލެކްޓްރޯނިކް ސާމާނާއި، ނަގުދު ފައިސާ އަދި ޙައްޖާއި ޢުމްރާ ދަތުރާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަދަ "ހަދިޔާ" ރައްޔިތުންނަށް ދިނުމުގެ އިތުރުން ވަޒީފާއާއި އަސާސީ އެހެނިހެން ޚިދުމަތްތަކަށް ނޫފޫޒު ފޯރުވައި، ބިރު ދެއްކުމާއި އަދި އައިޑީ ކާޑު ފޮރުވުން ފަދަ ކަންކަމަކީ އިންތިޚާބުގެ މާނަ އޮޅޭ ފަދަ މިންވަރަށް ރާއްޖޭގައި މިހައިތަނަށް ބޭއްވި އިންތިޚާބުތަކުގައި ހިނގައިފައިވާ ކަންކަމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތާ ގުޅުން ނެތް ވަޢުދުވުމަކީ ވެސް ކެނޑިޑޭޓުން ކެމްޕެއިންތެރޭގައި ކުރާ ކަންކަމެވެ." ޕާޓީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެމްއާރްއެމްއިން އިތުރަށް ވިދާޅުވީ މިފަދަ ޢަމަލުތަކުގެ ނިވަލުގައި ކުރާ ކެންޕެއިންގެ ނަތީޖާއަކަށް ގިނަ ފަހަރު ވެގެންގޮސްފައި ވަނީ އިންތިޚާބުގެ ނަތީޖާއާ މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދުމާއި، ނާޤާބިލު ފަރާތްތައް މަޤާމުތަކަށް އިންތިޚާބުވުން ކަމަށެވެ.
"އިސްލާޙުގެ މަގުގައި މިއަދު އަޅުގަނޑުމެން އައިސް މި ތިބި ހިސާބަކީ އެފަދަ ކަންކަމާ ދުރުވެ، މިނިވަން އަދި އިންސާފުވެރި އިންތިޚާބުތައް ބޭއްވުމަށް ވެސް ވަކާލާތުކޮށްގެން އައިސް ތިބި ހިސާބެކެވެ. އެހެންކަމުން ކުރިއަށް މިއޮތް އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުންންނާއި، އެ ކެނޑިޑޭޓުން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީތަކާއި، އެ ކެނޑިޑޭޓުންނަށް ކެންޕެއިން ކުރާ ފަރާތްތަކުންވެސް ދިވެހިރާއްޖޭގެ އިންތިޚާބާ ބެހޭ ޤާނޫނާއި، އަދި އެހެނިހެން ޤާނޫނުތަކާ ޚިލާފު ނުވާނޭހެން ކެންޕެއިން ކުރެއްވުމަށާއި، ސިޔާސީ ޙަރަކާތްތައް ހިންގުމަށް މި ޕާޓީއިން ގޮވައިލަމެވެ." ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެމްއާރްއެމްއިން ވަނީ އިންތިހާބުތަކާ ގުޅިގެން ހަރަދު ކުރުން ހުއްދަ މިންވަރަށް ވުރެ އިތުރަށް ހަރަދު ނުކުރުމަށް ވެސް ޕާޓީތަކަށް ގޮވައިލައްވައިފައެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަނުގައި އެމްއާރްއެމްގެ ފަރާތުން ކެނޑިޑޭޓަކު ވާދައެއް ނުކުރެއެވެ.