ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހިކަމާ އެކު ކުރިއަށްދާނެ: ފޮރިން މިނިސްޓަރ

އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކަމާ އެކު ކުރިއަށްދާނެކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިފަދައިން ވިދާޅުވީ އިންޑިއާގެ 73ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވައި ފޮނުއްވި މެސެޖުގައެވެ. ޝާހިދު ވިދާޅުވީ އިންޑިއާއަކީ ދުނިޔޭގެ އެހެން ޤައުމުތަކަށް ވެސް ޑިމޮކްރަސީ ގޮތުން ނަމޫނާ ޤައުމެއް ކަމަށެވެ.
އަދި ދެ ގައުމުގެ ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންދާ ކަމަށާއި އެ ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން ދެމެހެއްޓުމަށް ޓަކައި ދެއްވާ ސަޕޯޓަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރސް ޑރ. ޖައިޝަންކަރަށް ވަރަށް ޚާއްސަ ޝުކުރެއް ވެސް ދަންނަވައިފައެވެ.