ރާއްޖެ ހަލާކުގެ ތެރެއަށް ވައްޓައިލަނީ ޖުޑީޝަރީގެ ބޭއިންސާފުން: ޑރ. ޝަހީމް
ރާއްޖޭގެ ކަންކަން އަބަދުވެސް ހަލާކުގެ ތެރެއަށް ވައްޓައިލަނީ ޖުޑީޝަރީގެ ބޭއިންސާފުކަމާއި ތަފާތު ކުރުންތަކުގެ ސަބަބުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނުކަމުގެ ތުހުމަތު އުފުލިފައިވާ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްސަލަ ކުރިއަށް ގެންދާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން ނިންމުމަށް ފަހު، ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުންޏަކަށް އެރަށް ވިއްކައިލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލައިފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކުރުމާ ގުޅިގެންނެވެ.
"މި ރާއްޖޭގެ ކަންކަން އަބަދުވެސް ހަލާކުގެ ތެރެއަށް ވައްޓައިލަނީ ރާއްޖޭގެ ޖުޑީޝަރީގެ ބޭއިންސާފުކަމާއި ތަފާތުކުރުން. ދުނިޔޭގެ އެދުމާއި ފައިސާގެ ދަހިވެތިކަމުގައި ޖެހިފަައިވާ ފަނޑިޔާރުގެއެއް ނަމަ އެއީ ގައުމެއްގެ ހަލާކު" މައްސަލަތައް ކުރިއަށް ގެންދިއުމުގައި ގެންގުޅޭ ތަފާތު ކުރުންތައް ފާހަގަ ކުރައްވާ ޑރ. ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރ މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެ މައްސަލައިގެ ޝަރީއަތް ފެށުމަށް އެންމެ ފުރަތަމަ ތާވަލު ކުރީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް އިދާރީ މައްސަލައެއް ޖެހުމުން އެދުވަހުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
ރާއްޖެ ހަލާކުގެ ތެރެއަށް ވައްޓާ ބަޔަކީ ސިޔާސީ މީހުން ސިޔާސީ ޕާޓީތަކުން، ސިޔާސީ ބޭނުމަށް ބޮޑެތިހާ ލޯނުވެސް އެބަނަގާ ދަރަނި ބޮޑުކުރަން !