ޚަބަރު

ދާއިރާގެ ބަހުސަށް ފަހު ގިނަ ބަޔަކު ފަތުހީއަށް ވޯޓުދޭން ނިންމައިފި: އިދިކޮޅު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމަންޑޫ ދާއިރާގެ ބަހުސަށް ފަހު ގިނަ ބަޔަކު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީއަށް ވޯޓު ދިނުމަށް ނިންމައިފައިވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.

Ads by STELCO

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ވޯޓު ދޭނެ ފަރާތެއް ކަނޑަނާޅައި ތިބި ގިނަ ބަޔަކު ފަތުހީއަށް ވޯޓު ދިނުމަށް ނިންމައިފައިވާ ކަން ހާމަކުރަމުންދާ ކަމަށާއި އެހެންކަމުން އެ ހުރިހައި ބޭފުޅުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ހީނާ ވިދާޅުވީ ބަހުސްގައި އެންމެ ފުރިހަމަ އަދި ޤާނޫނު ހަދާ މަޖިލީހަށް އެންމެ އެކަށީގެންވާ ގޮތަށް ވާހަކަފުޅު ދެއްވީ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ ކަމަށާއި އެކަން ގިނަ ބަޔަކު ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ތަޖްރިބާއާއި އިލްމީ ނަޒަރަކުން ބެލިޔަސް ފަތުހީއަށް ވުރެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެކަށީގެންވާ ކެނޑިޑޭޓެއް ނެތް ކަމަށް ހީނާ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިންގައި ވާދަ ކުރާ 3 ކެނޑިޑޭޓުންގެ ފަރާތުން ވެސް ވަރަށް ފޯރިއާއެކު ދާއިރާގައި ކެމްޕެއިން ކުރުމުގެ ހަރަކާތްތައް އެބަ ގެންދެއެވެ. ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ހުރިހައި ވަޒީރުންނާއި ކުންފުނިތަކުގެ އިސްބޭފުޅުންގެ އިތުރުން މަޖިލިސް މެމްބަރުން ދާއިރާގެ ތިން ރަށުގައި ހަރަކާތްތެރިވަމުންދާއިރު ޕީޕީއެމްގެ ލީޑަރޝިޕާއި އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ދާއިރަގެ ތިން ރަށުގައި ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި ކާނަލް ނާޒިމްގެ ޕާޓީން ވެސް ތިންރަށުގައި ހަރަކާތްތެރިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!