އުންމީދަކީ މި އަހަރުގެ ތެރޭގައި މިނީ ބަހުގެ ޚިދުމަތް ފެށުން: އާޒިމް
މާލޭގައި މިނީ ބަހުގެ ޚިދުމަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަަކަފުޅުގައެވެ.
މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށް މާލެއަށް މިނީ ބަސް ތައާރަފް ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. މީގެ ކުރިން މިނިސްޓަރު ވިދާޅުވީ، މިކަން ނުކުރެވި އޮތީ ބަޖެޓް ނުލިބުމުގެ ސަބަބުން ކަމަށެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމުގެ ކަންކަން މިހާރު ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މާލޭގެ މިނީ ބަހުގެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބިން ލިބިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މި އަހަރުގެ ތެރޭގައި މިނީ ބަހުގެ ޚިދުމަތް ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ނަމަވެސް ސީދާ ފެށޭނެ ދުވަހެއް އެނގޭނީ ކޮންޓްރެކްޓް ހަދާ ދުވަހަކުން ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ކޮންޓްރެކްޓަކަށް ނުވަދެވޭ. މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގްއެއް ހެދިފައި ވަނީ. އަޅުގަނޑުމެން ޤަބޫލު ކުރަނީ، އަޅުގަނޑުމެން ކޮންޓްރެކްޓް ތެރެއަށް ވަދެވިގެން މި އަހަރު ތެރޭގައި މިނީ ބަސް ދުއްވޭނެ ހިސާބަށް އާދެވޭނެ ކަމަށް، އަޅުގަނޑަށް ޤަބޫލު ކުރެވޭނީ. ކޮންޓްރެކްޓް ތެރެއަށް ވަދެވުނީމަ ސީދާ ބުނަން ކެރޭނީ ސީދާ އެކްޒެޓްލީ ކޮން ޑޭޓެއްގައިކަން. އަޅުގަނޑަކީ ވަރަށް ބޮޑަށް ކަންތައްތައް ރާވައިގެން ތަރުތީބުކޮށްގެން މަސައްކަތް ކުރާ މީހެއް. އަޅުގަނޑުގެ ކޮންޓްރޯލަށް މިކަން އަންނާނީ ކޮންޓްރެކްޓްގައި ސޮއި ކުރާ ހިސާބުން" އާޒިމް ވިދާޅުވިއެވެ.