ސިޔާސީ

އެމްޑީޕީގެ އޮޑި ނުފެތޭނެ ކަމަށް ބުނާ މީހުންނަށް މަލީހުގެ ރައްދެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް

ވެރިކަން ކުރާ މައި ޕާޓީ (އެމްޑީޕީ)ގެ އޮޑި ނުފެތޭނެ ކަމަށް އެޕާޓީގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވާ ވާހަކައަށް ރައްދު ދެއްވައި، އެޕާޓީގެ އޮޑިއަކީ "ޓައިޓޭނިކް" ފަދަ އޮޑިއެއް ކަމަށް ޕީޕީއެމްގެ ސަރުކާރުގައި ޔޫތު މިނިސްޓަރަކަށް ހުންނެވި މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by MWSC

އޭނާ މިހެން ވިދާޅުވެފައި ވަނީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާ އަލްއުސްތާޒު މޫސާ ފަތުހީގެ ކެމްޕެއިން ޓީމުން، ރޭ ށ.ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

އެގޮތުން އޭނާ ވިދާޅުވީ އެމްޑީޕީގެ އޮޑި، ނުފެތޭނެ ކަމަށް ބަޔަކު ވަކާލާތު ކުރަމުން އަންނައިރު، މީގެ އެތައް އަހަރެއް ކުރިން އިނގެރޭސިވިލާތުގައި ވެސް، ކިތަންމެ ވަރުގަދަ ތޫފާނެއް ކުރިމަތިވިޔަސް، އަޑިއަށް ނުދާނެ ކަމަށް ބުނެ ބޯޓެއް ބަނދެފައިވާ ކަމަށާއި، އެބޯޓުގެ އެންމެ ފުރަތަމަ ދަތުރުގައި ވެސް ދިޔައީ އަޑިއަށް ކަމަށެވެ.

އެމްޑީޕީގެ އޮޑި ހުރިހައި ކަނޑަކަށް ވެސް "ހެޔޮވަރު" ކަަމަށް ބުނާއިރު، ހެޔޮވަރީ ކޮން ކަނޑަކަށްތޯ ވެސް މަލީހު ސުވާލު ކުރެއްވިއެވެ.

"އެމްޑީޕީއަށް ތާއީދު ކުރާ މީހުން ވެސް ބުނަނީ މި އޮޑިއެއް ދުވަހަކު ވެސް ނުފެތޭނޭ، މިއީ ހުރިހާ ކަނޑަކަަށް ހެޔޮވަރު އޮޑިއެކޭ. ހެޔޮވަރުތޯ؟ އިންސާފުގެ ވާހަކަ ދައްކައިފައި، ރައީސް ޔާމީނާ ޖެހުނީމަ، އިންސާފެއް ގާއިމެއް ނުކުރެވުނު. ޑިމޮކްރަސީގެ ވާހަކަ ދައްކައިފައި، ސަރުކާރު ލިބުނީމަ، ޑިމޮކްރަސީއާ ކަނޑައެޅިގެން ހިލާފަށް ކަންކަން ކުރަނީ. ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ." މަލީހު ވިދާޅުވިއެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ ރަށްތައް ތަރައްގީކޮށްގެން ހިއްކުމަކީ އެމްޑީޕީގެ ފިކުރެއް ނޫން ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި 2017ވަނަ އަހަރުގައި ރާއްޖެ ގެނައި ކޮންނަ ބޯޓު ބޭނުންކޮށްގެން، ދެ ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު، އެ މަޝްރޫއުގެ ހުރިހާ ކްރެޑިޓެއް ހައްގު ވަނީ ރައީސް ޔާމީނަށާއި ޕީޕީއެމްއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!