ޚަބަރު

މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ބިންހިއްކުމުގެ މަސައްކަތް މިރޭ ފަށަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ށ. މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ތައްޔާރުވެއްޖެއެވެ.

Ads by Hajj Corporation

އެމްޓީސީސީން ބުނީ މަތިކޮމަންޑޫގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީ.ޕީ.އޭއިން ލިބުމާ އެކު މަހާ ޖައްރާފަށް ވެލި ބަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއު އެމްޓީސީސީ އާ ސަރުކާރުން ހަވާލުކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް، 249.9 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ކޮމަންޑޫގައި 1.69 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަންގެ މަސައްކަތާއި، މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިމެއް ހިއްކުމުގެ މަސައްކަތާއި، މަތިކޮމަންޑޫގައި 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓަކާއި، ޖުމްލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށްޓެއް ގާއިމްކުރުމެވެ.

ށ.އަތޮޅު ކޮމަންޑޫއަކީ ބިމުގެ ޖާގައިގެ ގޮތުން އެންމެ ކުޑަ އެއް ރަށެވެ. އެ ރަށުގައި ދިރިއުޅޭ އާބާދީއަކީ 600 މީހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!