ބިގޭ ވިދާޅުވަނީ ކޮމަންޑޫ ދާއިރާއަށް ތަރައްގީ ގެނެސްދެވޭނީ އެމްޑީޕީގެ ކެނޑިޑޭޓަށްކަމަށް
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، މުހައްމަދު ރާޝިދު(ރާޑޯ) ނޫން އެހެން ކެނޑިޑޭޓަކު ހޮވައިފިނަމަ، ދާއިރާއަށް ތަރައްގީ ގެނެވިދާނެތޯ، ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން(ބިގޭ) ސުވާލު އުފައްދަވައިފިއެވެ.
ރާޑޯގެ ކެމްޕެއިނަށް ށ.ފޯކައިދޫގައި ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ބިގޭ ވަނީ، ސަރުކާރަށް ތާއީދު ކުރާ ކެނޑިޑޭޓަކު ހޮވުމަކީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވައިފައެވެ.
މާޒީވެ ދިޔަ 10 އަހަރު ވެސް ކޮމަންޑޫ ދާއިރާ އޮތީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ދާއިރާއެއްގެ ގޮތުގައި ކަމަށާއި، އެހެން ނަމަވެސް އެ ވިސްނުން ދޫކޮށް ތަރައްގީ ހޯދަން ދާއިރާގެ ރައްޔިތުން ވިސްނަންޖެހޭކަން ފާހަގަކުރައްވައި ބިގޭ ވިދާޅުވީ އެކަން ކުރެވޭނީ ސަރުކާރާ އެކުގައި މަސައްކަތް ކޮށްގެން ކަަމަށެވެ.
ފޯކައިދޫއަށް ބަލާއިރު، އެރަށުގެ މަގުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ޖެހޭ ކަމަށާއި، އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކަށް އެކަން ކުރެވިދާނެތޯ ބިގޭ ސުވާލު އުފެއްދެވިއެވެ.
"ދެން މި އިންތިހާބުގައި ވާދަަކުރައްވަން ތިއްބެވި ކެނޑިޑޭޓުންނަކަށް ނުވާނެ. މި ލިބުނު ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި މިރަށުގެ ރައްޔިތުން ހިއްޕަވަން އެބަޖެހޭ." އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބިގޭ ވިދާޅުވީ އަމިއްލަ ފަސްގަނޑު ދެކެ ވާ ލޯބި ދުރުން އަންނަ މީހަކަށް ނުވެވޭނެ ކަމަށާއި، ފޯކައިދޫއަށް އުފަން ރާޝިދަށް ބައި-އިލެކްޝަންގައި ވޯޓު ދޭން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑިއަކީ، ޕާޓީ ނިޒާމު އުފެދުނީއްސުރެ އެމްޑީޕީގެ ގޮނޑިއެއް ކަމަށާއި، އެޕާޓީން މިފަހަރު ވެސް މި ގޮނޑި ދިފާއު ކުރަން ޖެހޭ ކަމަށެވެ.