އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗު މަހު ބާއްވަނީ

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާޗު މަހު ބާއްވަން ނިންމައިފިއެވެ.
އުރީދޫން ބުނީ، މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ، ފެބްރުއަރީ 17، 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.
މިގޮތުން، އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވުމަށް ފާސްކުރުމަށް ހުށަހަޅައިފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ އެ ކުންފުނިން 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، ފެބްރުއަރީ 20، 2022ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ.
އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައް އާންމު ކުރާނެ ކަމަށް އުރީދޫން ބުނެއެވެ.