އަމާޒަކީ އެމްޑީޕީ އިތުރު ހަރުފަތަކަށް ގެންގޮސް، ހެޔޮ ވެރިކަން ދެމެހެއްޓުން: ފައްޔާޒް

އަމާޒަކީ އެމްޑީޕީ އިތުރު ހަރުފަތަކަށް ގެންގޮސް، އެ ޕާޓީގެ ހެޔޮވެރިކަން ދެމެހެއްޓުން ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒުގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒު ފަހުމީއާއި، އެސްޓީއޯގެ އެމްޑީ ހުސައިން އަމްރުއެވެ.
ފައްޔާޒު ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ނިންމެވިކަން ހާމަކުރައްވައި، މި އިންތިހާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުންގެ ރުހުން ލިބިފައި ވަނީ ފައްޔާޒަށެވެ.
އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފަދަ މެމްބަރުން އޭނާއަށް ތާއީދު ކުރަައްވާއިރު، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމްގެ އިތުރުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ފަދަ މެމްބަރުން ތާއީދު ކުރައްވަނީ އިންތިއަށެވެ.