ވެރިން ދައްކާ މަގުން ހިނގާހިނގާ ވަރުބަލިވެެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ރަށްތަކުގެ މަގުތަކުގައި ތާރު އެޅުމާ ގުޅޭގޮތުން ރަައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރާއްޖެއަކީ ޖަޒީރާވަންތަ ސިފަތައް ލިބިފައިވާ ގައުމަކަށްވާ އިރު، ހުރިހައި ރަށެއްގެ މަގުތަކުގައި ތާރު އެޅުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށެވެ. އަދި މިކަމުގައި ވެރިން، ރައްޔިތުންނަށް ރަނގަޅު މަގު ދައްކައިދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
އަސްލަމްގެ މިވާހަކައާ ގުޅިގެން، މިނިސްޓަރާ ސުވާލު ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ޖާބިރު ވިދާޅުވީ ވެރިން ދައްކާ މަގުން ހިނގާހިނގާ އޭނާ ވަރުބަލިވެއްޖެ ކަމަށެވެ. އަދި އޭނާ ދައްކަވާ މަގުން ހިންގެވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
"މިރާއްޖޭގެ ވެރިންނަަށް ތިބި މީސްމީހުން ދެއްކި ހުރިހާ މަގަކުން ހިނގިއްޖެ. ތާރެއް ވެސް ނޭޅުނު. ބޯކޮށް ވާރޭ ވެހޭ ދުވަހެއް ވެއްޖެއްޔާ، ނަޖިސް ވެސް މައްޗަށް އަރަނީ." ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށްރަށުގެ މަގުތަކުގައި ތާރު ނާޅައި ވެސް، މަގުތައް ރީތި ކުރެވޭނެ ގޮތްތައް ހުންނަ ކަމަށެވެ. އޭނާ ވަނީ ރާއްޖޭގެ ނާޒުކު ފަރުތައް މަތީގައި ބޮޑު ހިލަ ޖެހުން ނޫން ގޮތެއް ވެސް ނެތީތޯ ސުވާލު ކުރައްވައިފައެވެ.
މިސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެއްތަނެއްގައި ބޮޑު ހިލަ ޖަހައިފައި ހުއްޓާ ފެނިއްޖެ ނަމަ، އެހެން ބަޔަކު ވެސް އެކަން ކުރަން ބޭނުންވަނީ ކަމަށާއި، އައު ގޮތެއް ހެދުމުގެ ބަދަލުގައި އޮންނަ ސަގާފަތަކީ ކޮޕީ ކުރުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއް ރަށެއްގައި މިފަދަ މަޝްރޫއުއެއް ހިންގުމަށް ފަހު، އަނެއް ރަށުގައި ނުހިންގެންވީ ކީއްވެގެންތޯ ރައްޔިތުން ސުވާލު އުފައްދާނެ ކަމަށެވެ.