ވަޅުން ނެގިފަހުން ހައިދަރު ނިޔާވެއްޖެ

މީގެ ތިން ދުވަސް ކުރިން އަފްޣާނިސްތާނުގެ ވަޅަކަށް ވެއްޓުނު ކުޑަ ކުއްޖާ، ވަޅުން ނެގި ފަހުން ނިޔާވެއްޖެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ޒާބުލް ޕްރޮވިންސްގެ ޝޮކާކް އަވަށުގައި ކޮނެފައިވާ ވަޅަކަށް އުމުރުން ފަސް އަަހަރުގެ ހައިދަރު ނަމަކަށް ކިޔާ އެ ކުއްޖާ ވެއްޓުނީ މިދިޔަ އަންގާރަ ދުވަހުގައެވެ.
ހައިދަރު ސަލާމަތް ކުރަން ރެސްކިއު ޓީމުން ވަރަށް މަސައްކަތް ކުރި ކަމަށް އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބޭރުގެ ރިޕޯޓުތަކުން ބުނެފައިވެއެވެ. އެގޮތުން ރެސްކިއު ޓީމަށް ފުރަތަމަ ވަޅުތެރެއިން ފެނުނީ ހައިދަރުގެ ދެ އަތްތިލަ ކަމަށާއި އޭނާގެ ގަޔަށް އޮތީ ފަސްއެޅިފައި ކަމަށް ވެސް ބުނެފައި ވެއެވެ.

ރެސްކިއު ޓީމުގެ މަސައްކަތާ އެކު ހައިދަރު އެ ފަސްގަނޑުން ނެގި ކަމަށާއި، ނެގި އިރު އޭނާ ނޭވާލާ ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް އޭގެ މާ ގިނަ އިރުތަކެއް ނުވެ، ހައިދަރު ނިޔާވެއްޖެކަމުގެ ޚަބަރު އެވަގުތު އޭނާއަށް ފަރުވާ ދިން ޑޮކްޓަރުން ދިންކަމަށް އަފްޣާން ފުލުހުން ވިދާޅުވެފައިވެއެވެ.
އަފްޣާނިސްތާނުގެ ވަޅަކަށް ވެއްޓި މިއަދު ކުޑަކުއްޖަކު ނިޔާވެފައިވާ އިރު، މީގެ ހަފްތާއެއް ކުރިން މޮރޮކޯގައި ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގައިފައެވެ. އެ ހާދިސާގައި ވަޅަކަށް ވެއްޓި ނިޔާވީ ރަޔާން ނަމަކަށް ކިޔާ އުމުރުން ފަސް އަހަރުގެ ކުޑަ ކުއްޖެކެވެ.