ކަދުރު ރުއް ހިމެނޭހެން 500 ގަސް ފޯރުކޮށްދޭނެ ފަރާތެއް ސިޓީ ކައުންސިލުން ހޯދަނީ

މާލެ ސިޓީ ކައުންސިލުން 500 ގަސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.
މާލެ އަކީ "ފެހި" ތަނަކަށް ހެދުމަށް ސިޓީ ކައުންސިލުން އަމާޒު ހިފައިފައިވާއިރު، މާލޭގައި އެއް ލައްކަ ގަސް އިންދުމަށް އެކައުންސިލުގެ އެސްއޭޕީގައި ހިމަނާފައިވެއެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ 180 ކަދުރު ރުކާއި، 320 އެހެނިހެން މޭވާ އަޅާ ގަސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަމުން އަންނަަ ކަަމަށް ބުނެފައެވެ. މި މަސައްކަތަށް ގަސް ހޯދަނީ ބީލަން އުސޫލުންނެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ގަސް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމަށާއި، އަގު ހުށަހެޅުމަށް އެ ކައުންސިލު އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ހާޒިރުވެ، މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.
އެގޮތުން މައުލޫމާތު ސާފު ކުރުމަށް، މި މަހުގެ 23ވަނަ ދުވަހު 00؛11ގައި އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަނަށް އައުމަށް އެދިފައިވެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.