އުރީދޫގެ ސުޕަނެޓްގެ ހިދުމަތް މިލަންދުއަށް
އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ށ. މިލަންދު އަށް މިއަދު ތައާރަފުކޮށްފި އެވެ.
މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑް، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ލިބޭ ހިދުމަތެކެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ޑިޒައިން ކޮށްފައިވާ ހަލުވި ސްޕީޑްގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.
އެ ކުންފުނީގެ ޗީފް ކޮމަޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައި ޕެކޭޖްތަކާއި ހިދުމަތްތައް އަޕްގްރޭޑް ކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ދާދި ފަހުން ގެނައި ބަދަލުތަކާއެކު، މިހާރު މާކެޓްގައި އެންމެ ގިނަ ފައިދާތައް ލިބޭނީ އުރީދޫގެ ޕެކޭޖްތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިލަންދު އަށް މިއަދު މި ހިދުމަތް ތައާރަފް ކުރުމަކީ އެ ރަށުގެ ރައްޔިތުންނަށް އިތުރު ފުރިހަމަކަމާއެކު އިންޓަނެޓް ބޭނުންކުރެވި އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމެއް،" ނިޔާޒް ވިދާޅުވި އެވެ.
އުރީދޫން ވަނީ "ނެޓް ހެޔޮ" ޕްރޮގްރާމުގެ ދަށުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފަ އެވެ. މި ގެނައި ބަދަލާއެކު ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓް އިތުރު ޑޭޓާ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބޭނެ އެވެ. އަދި މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހުގައި ބޭނުން ކުރެވޭ ގޮތަށް ވެސް އުރީދޫން ވަނީ ޕެކޭޖުތަކަށް ބަދަލު ގެނެސްފަ އެވެ.
ސުޕަނެޓް ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.