ޚަބަރު ރައްޔިތުންގެ މަޖިލިސް

ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނީ ޑިޓެންޝަން ސެންޓަރު ނިމިގެން: އިމިގްރޭޝަން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ހުޅުމާލޭގައި ޑިޓެންޝަން ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް އަނެއްކާ ވެސް ފަށައިފިއެވެ.

Ads by Hajj Corporation

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ތިންވަނަ ޖަލްސާގައި އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު މުހައްމަދު ވިދާޅުވީ ހުޅުމާލޭގައި ގާއިމްކުރާ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިމުމުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ދެ މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރި ޑިޓެންޝަން ސެންޓަރު، ބޭނުން ނުކުރެވި ލަސްވީ އެ ތަން ހުޅުވަން ތައްޔާރުވެފައި ވަނިކޮށް ތަނުގައި ހުރި ފިލާތަކާއި ނަރުތައް ވަގަށްގެންދިއުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް އެ ސެންޓަރުގެ މަސައްކަތް ނިމި ވަރަށް އަވަހަށް އެތަން ހުޅުވިގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އެ ގޮތުން ފާރުތަކާއި ފިލާތައް އަލުން ބަހައްޓަން 14 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށާއި އެސެންޓަރު މުޅިން ނިމި ބޭނުންކުރަން ފެށޭނީ ގާތްގަނޑަކަށް ދޮޅުމަހެއްހައި ދުވަހުގެ ތެރޭގައިކަމަށް އޭނާ ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ނާޒިމާ ވިދާޅުވީ 2019ވަނަ އަހަރު އެ މިނިސްޓްރީން ހިންގި ޕްރޮގްރާމްގައި ސާޅީސް ދެހާސް މީހުން ރަޖިސްޓްރީ ވެފައި ވާއިރު ދިހަ ހާސް މީހުން ގަވާއިދުގެ ދަށުން ރަޖިސްޓްރީކުރެވި އަދި ނުވަހާސް މީހުން އަނބުރާ ގައުމަށް ފޮނުވައިލައިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ ރާއްޖެއިން ބްލެކް ލިސްޓް ކޮށްފައި ތިބި ބައެއް ބިދޭސީންނާ ދިވެހިން ކައިވެނި ކުރުމަށް ފަހު އެ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާ މައްސަލަތައް ގިނަވަމުންދާކަން ވެސް ފާހަގަކޮށްފައެވެ. މިއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މަދުކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!