މިވަގުތު ޔޫކްރެއިންގައި ތިބީ ނުވަ ދިވެހިން
މިވަގުތު ޔޫކްރެއިންގައި ތިބީ ނުވަ ދިވެހިން ކަމަށް ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.
ޕޮރިން މިނިސްޓްރީން ވިދާޅުވީ ޔޫކްރެއިންގެ ވެރިރަށް ކިއޭވް ކައިރީގައި ދިރިއުޅެމުން ދިޔަ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔޫކްރެއިން ރައްޔިތެއް އަދި އެދެމަފިރިންގެ ކުޑަ 2 ކުދިން މިހާރު ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައިވާ ކަމަށެވެ.
އަދި ޚަރްކީވްގައި ތާށިވެފައި ތިބި ކުދިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އިތުރު ޤައުމުތަކާ ގުޅިގެން މިހާރު މަސައްކަތްކުރަމުންދާ ކަމަށާއި ޚަރްކީވްފައި ތިބި ދިވެހި ދަރިވަރުންނަށް ފޮރިން މިނިސްޓަރ ޝާހިދު އިއްޔެ ފޯނުން ގުޅުއްވައި، އެކުދިންގެ ޙާލު ބެއްލެވި ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މިވަގުތު ޔޫކްރެއިންގައި ތިބީ 9 މީހުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ޚަރްކީވްގައި ތިބި 8 ދިވެހިންނާއި ނީޕްރޯގައި ހުރި އެކަކު ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ބެލަރޫސްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، ދަރިވަރުންނަށް އެކަން އަންގައިފައިވާ ކަމަށާއި އެ ސަރަހައްދުގައި ކްލާސްތައް މެދުނުކެނޑި ހުރިހާ ޔުނިވަރސިޓީއެއްގައި ކުރިއަށް ދާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ރަޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި އެ ދަރިވަރުންނަށް ވެސް އެކަން އެންގިފައިވާ ކަމަށާއި އެ ސަރަހައްދުގެ އާއްމު ހާލަތު ރަނގަޅު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އަދި ކްލާސްތައް އޮންލައިން ކްލާސްތަކަށް ބަދަލުކުރެވޭތޯ ދަރިވަރުން ޔުނިވަރސިޓީއާ އެކު މަޝްވަރާކުރަމުންދާ ކަމަށާއި ދަރިވަރުންނަށް މިކަމުގައި ބޭނުންވާ އެހީތެރިކަން ބަރލިންގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން ފޯރުކޮށްދެމުންދާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.