ޚަބަރު ރައްޔިތުންގެ މަޖިލިސް

މީކާއީލް، ރައީސް ޞާލިޙުގެ ފެކްޝަނަށް: ބާރު އެންމެ އުހުގައި ޖެހުނު ގޮތާ މެދު ވިސްނާ!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އާރާއި ބާރު ލިބުނު ގޮތް ހަނދާން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ގޮވައިލައްވައިފިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މީކާއީލް ވަނީ އެމްޑީޕީގެ ޗެެއާޕާސަންގެ މަގާމަށް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަށް ތާއީދު ކުރާތީ، ރ.ދުވާފަރު ސިއްހީ މަރުކަޒުގެ ހިންގުމާއި ހަވާލުވެ ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓަރ އަހްމަދު އާމިރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި ނުރުހުން ފާޅުކުރައްވައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަށް "ބަޔަކު މީހުން" ހަދަމުންދާ ގޮތުން، އޭނާ ވަރަށް ބިރު ގަންނަ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނުގެ މެމްބަރުންނަށް ފާޑުވިދާޅުވެ، މީކާއީލް ވަނީ، ބާރު އެންމެ އުހުގައި ޖެހުނު ގޮތާ މެދު ވިސްނަވައިލެއްވުމަށް އެ މެމްބަރުންނަށް އިލްތިމާސް ކުރައްވައިފައެވެ.

"މިއަދު ދުވާފަރު ދާއިރާގެ މެމްބަރަށް ވެސް، އަޅުގަނޑަށް ވެސް އީވާ އަބްދުﷲއަށް ވެސް، އަދި ދެން ވެސް މިތާ ތިބި އިއްޒަތްތެރި މެމްބަރުންނަށް ވެސް މިތާ މި ތިބެވެނީ، ދުވާފަރު އާމިރު އެ ދުވަހު ކުރި މަސައްކަތުން." ކޯފާ އިސްކުރައްވައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވިއެވެ.

މީކާއީލްގެ މި ވާހަކައިގެ ތެރެއިން، ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި، އާމިރު ވަޒީފާއިން ވަކި ކުރީ އޭނާ ނޫން ކަމަށް ވިދާޅުވެފައެެވެ. ރައްދުގައި މީކާއީލް ވިދާޅުވީ އެހެން ދަންނަވައިފައި ނުވާނެ ކަމަށާއި، މައްސަލައަކީ އެމްޑީޕީގެ މެމްބަރުންނަށް ބާރު ލިބުނު ގޮތް ހަނދާން ނެތުން ކަމަށެވެ.

މީކާއީލް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވުމުގައި ދުވާފަރު އާމިރުގެ ހިއްސާ ބޮޑު ކަމަށެވެ. އެގޮތުން އެމްޑީޕީގެ ޓިކެޓު، ތަބަކަށްލައިފައި އެހެން ބަޔަކަށް ނުދޭން އާމިރު ކެމްޕެއިން ކުރެއްވިކަން މީކާއީލް ފާހަގަ ކުރެއްވިއެވެ.

"އެމްޑީޕީގެ ސަރުކާރުން ނިންމައިފައި އޮތީ، އެންމެ 40 ގޮނޑިއަށް ވާދަކުރަން. އެ 40 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ވާދަ ކުރެވުނު ނަމަ، މިއަދު މި ތަނުގައި ތިބޭނީ 15 ވަރަކަށް މެމްބަރުން. މި ސަރުކާރު އޮންނާނީ ކުޑަ ކަކޫ ޖަހައިގެން، އިއްޒަތްތެރި ރައީސް." އޭނާ ވިދާޅުވިއެވެ.

މީކާއީލް ވަނީ އެމްޑީޕީއަށް އާރާއި ބާރު، އަދި ޝާނާ ޝައުކަތު ލިބުމުން، މި އުޅެނީ "ކޮން ފާޑަކަށްތޯ؟"ވެސް އައްސަވައިފައެވެ.

މީކާއީލް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި، އެކެއްގެ ވަށައިގެން ގިނަ ބަޔަކު އެނބުރުނު ތަން ފެނުނުއިރު، ތާރީޚް އިޔާދަ ވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، ގަދަވާނީ އިހްލާސްތެރިން ކަމަށާއި، އެއީ ދުވާފަރު އާމިރުގެ ކޮޅު ކަމަށް ވިދާޅުވިއެވެ.

އާމިރު ވަޒީފާއިން ވަކިކުރީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް ރައީސް އޮފީހުން ވަނީ ދޮގު ކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!