ޔޫކްރެއިންގައި ތިބި އިންޑިއާ މީހުން ވީއެންމެ އަވަހަކަށް ވެރިރަށުން ފައިބަން އަންގައިފި
ޔޫކްރެއިންގެ ވެރިރަށް ކިޔޭވްގައި ތިބި އިންޑިއާގެ ރައްޔިތުން އެ ތަނުން ފޭބުމަށް ކިޔޭވްގައި ހުންނަ އިންޑިއާ އެމްބަސީން އަންގައިފިއެވެ.
ކިޔޭވްގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށް އެމްބަސީން މިގޮތަށް އަންގައިފައި މި ވަނީ އެމީހުން ދިރިއުޅޭ ސަރަހައްދާއި ރަޝިޔާގެ ސިފައިން ކައިރިވަމުން ދާކަމުގެ ރިޕޯޓު ލިބުމާ ގުޅިގެންނެވެ.
"އިންޑިއާގެ އެންމެހައި ރައްޔިތުން، ދަރިވަރުން ހިމެނޭހެން، މިއަދު ވީއެންމެ އަވަހަކަށް ކިޔޭވް ދޫކޮށް ދިޔުމަށް އިލްތިމާސްކުރަން. ޓްރެއިން ނުވަތަ އެ ނޫން ވެސް ގޮތަކަށް މައި ސިޓީ ދޫކޮށް ދިޔުމަށް އިލްތިމާސްކުރަން" އިންޑިއަން އެމްބަސީން އެންގިއެވެ.
ކިޔޭވްގައި ތިބި އިންޑިއާގެ ރައްޔިތުން އެއްވެސް ހަމަނުޖެހުމެއް ނުއުފައްދައި އެއްބައިވަންތަކަމާ އެކު މަޑުން ތިބުމަށް އިންޑިއާ އެމްބަސީން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ އަންގައިފައެވެ. މިގޮތަށް އެންގީ ޔޫކްރެއިންގެ ވެރިރަށުގައި ދިރިއުޅޭ އިންޑިއާގެ އެތައް ރައްޔިތުންނެއް އެތަން ދޫކޮށް ދިޔުމަށް ރެއިލްވޭ ސްޓޭޝަންތަކަށް ދާކަމުގެ މައުލޫމާތު ލިބުމުންނެވެ.
ޔޫކްރެއިންގެ ބޯޑަރު ހުރަސްކުރުމަށް މިހަފްތާގެ ތެރޭގައި މަސައްކަތްކުރި އިންޑިއާގެ ދަރިވަރުންތަކަކަށް ފުރައްސާރަކުރާކަމުގެ މައްސަލަތަކެއް ފެންމަތިވިއެވެ. ބެލެވޭގޮތުގައި ކިޔޭވްއިން ފައިބަން އެންގީ މިސަބަބާއިހުރެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން އަރިންދަމް ބާގްޗީ މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިންގައި ހުރި އެގައުމުގެ އެމްބަސީތައް މެދުވެރިކޮށް އިންޑިއާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަމުން ގެންދާކަމަށެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ޗައިނާ ސަރުކާރުން ވެސް ވަނީ ޔޫކްރެއިންގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުން ބޯޑަރު ހުރަސްކޮށް އަވައްޓެރި ގައުމުތަކަށް ގެންދިޔުމުގެ މަސައްކަތް ފަށައިފައެވެ.
މިއަދު އިންޓަނެޓުގައި އާންމުވި ފޮޓޯތަކަކުން ފެންނަ ގޮތުގައި ކިޔޭވްގައި މީހުން ދިރިއުޅޭ މައި ސަރަހައްދުތަކަށް ރަޝިޔާގެ އަސްކަރިއްޔާއިން މިއަދު ވަނީ އަސްކަރީ އުޅަނދުތަކެއް އެތެރެކޮށްފައެވެ. އޭގެ ތެރޭގައި ހަތިޔާރު އެޅި އުޅަނދުތަކާއި ޓޭންކްތަކުގެ އިތުރުން ލޮޖިސްޓިކަލް އުޅަނދުތައް ވެސް ހިމެނެއެވެ.
ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރަޝިޔާ، ޔޫކްރެއިންގެ ހަނގުރާމަ އިތުރަށް ގޯސްވާނެކަމަށް އޮތީ ބެލެވިފައެވެ. ރަޝިޔާއިން ފުރިހަމަ އަސްކަރީ ބާރު ޔޫކްރެއިންއާއި ދެކޮޅަށް ބޭނުންކޮށްފައި ނުވި ނަމަވެސް ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިންއަށް އަސްކަރީ ބައެއް ސާމާނު ފޯރުކޮށްދޭން ފެށުމުން މަޝްރަހު ދަނީ އިތުރަށް ގޯސްވަމުންނެވެ.