ރަނގަޅު ޖީލެއް އުފެއްދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ތަޢުލީމީ ދާއިރާއިން: ނައިބު ރައީސް
ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ކުރިއެރުން ލިބެން އޮތީ ރަނގަޅު ޖީލެއް އުފެއްދިގެން ކަމަށާއި އެކަމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ތަޢުލީމީ ދާއިރާއިން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ ފެންވަރު ރަނގަޅު ނާޒިރުން ތަމްރީނު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފައްޓަވައިފައިވާ ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ގޮތުން ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އަދި ޙާއްސަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޢުލީމަށް ދެއްވާ އިސްކަމުގެ ތެރެއިން ސްކޫލްތަކުގައި ވަޞީލަތްތައް ޤާއިމްކުރުމާ އެކު އެކީގައި އެ ތަންތަނަށް ބޭނުންވާ ފެންވަރު ރަނގަޅު މުދައްރިސުންނާއި ޕްރިންސިޕަލުންގެ އިތުރުން އެ ދާއިރާއަށް ބޭނުންވާ އެހެނިހެން ފަރާތްތައް ތަމްރީނު ކުރުމަށް ޙާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.
އަދި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުގެ ފުރުސަތުތައް ނުލިބި އެތައް ދުވަހެއް ވޭތުވެ ގޮސްފައިވާ ކަމަށާއި، ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފެށިގެން މިދާ ތަމްރީނުތަކަކީ މެދުކެނޑުމެއް ނެތި ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުުރުން ޕްރިންސިޕަލުންނަކީ ތަޢުލީމީ މުޢައްސަސާތަކުގައި ގިނަ ޢަދަދެއްގެ މީހުންނާ އެކު ޓީމެއް ލީޑުކޮށްގެން މަސައްކަތް ކުރާ ފަރާތެއް ކަމަށާއި، ޕްރިންސިޕަލުންނަކީ އެންމެންގެ އަޑު އަހައި، ހުރިހައި އެންމެންނާ އެކު ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި ފަރާތްތަކަކަށް ވާން ޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުގެ ސިޔާސަތަކީ ވެސް މުޅި ރާއްޖޭގެ އެންމެހާ ސަރަޙައްދުތަކަށް ދަތުރުކޮށް އެ ތަންތަނުގައި ހުރި މައްސަލަތައް ގާތުން ބަލައި ފާހަގަކޮށް، އެ ކަންކަމަށް ހައްލު ހޯދަދިނުން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މައެއްގެ ދައުރު އަދާކުރަންޖެހޭ ބަޔަކަށް ޓީޗަރުން ވާއިރު، އެމީހުންގެ ވެރިންނަށް ތިބޭމީހުންނަކީ އިސްލާމީ މިންގަނޑުތަކުން ބޭރުވެފައިވާ ބަޔަކަށް ވެއްޖެނަމަ ޖީލަކަށްވުރެ ޖީލެއް ދާނީ ހަލާކުވެގެން.