އެކި ދާއިރާތަކުން ހުނަރުވެރިން ބިނާކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެކަމެއް ނޫން ކަމަށާއި، މިމަސައްކަތުގައި ސަރުކާރު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ ވެސް އެއްބާރުލުން ބޭނުންވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ "ފެނަކަ އިންސްޓިޓިއުޓް އޮފް ޓްރެއިނިންގް އެންޑް ރިސާޗް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މަސައްތެރިކަމުގެ އެކި ދާއިރާތަކުން މީހުން ބިނާކޮށް، ހުނަރުވެރި ފަންނުވެރި ޒުވާނުން އުފެއްދުން ކަމަށެވެ. އެކަމަށް ޓަކައި ސަރުކާރުން ފަހިކޮށްދެމުންދާ ފުރުސަތުތަކަށް ވެސް މިނިސްޓަރު އަލިއަޅުއްވައިލެއްވިއެވެ.
"ކޮންމެ ކުންފުންޏަކާ އެކު ވެސް މަސައްކަތް ކުރަން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. އަޅުގަނޑުމެން އެކިއެކި ޕްރޮގްރާމްތައް ވެސް މި ހިންގަނީ ހަމަ އެ މަގުސަދު ހާސިލްކުރުމަށް ޓަކައި"
- ޑރ. އިބްރާހިމް ހަސަން
މީހުން ބިނާކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެކަމެއް ނޫންކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަމަށް ޓަކައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރާއި އެސްއޯއީތަކާއި އެންޖީއޯތަކާއި ކްލަބް ޖަމިއްޔާތައް ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ގުޅިގެން އެއް އަމާޒަކަށް ވާސިލްވުމަށް ފޯރީގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރު ވަނީ ފެނަކަ އިންސްޓިޓިއުޓުން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގުރާމާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވައިފައެވެ. އެގޮތުން ވިދާޅުވީ ފެނަކައިން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގުރާމަކީ ވަރަށް މުހިންމު އިސްނެގުމެއް ކަމަށެވެ. އަދި އޭގެ ބައިވެރިންނަށް މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.
"ރައްޔިތުންނަށް ފާގަތި ތާހިރު ދިރިއުޅުމެއް ގެނެސްދިނުމަށް ޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި ފެނަކަ އާދަޔާ ޚިލާފު ރޯލެއް ކުޅެމުންދޭ. އެހެންވީމާ މި ހުރިހާ ސަބަބުތަކަށް ޓަކައި ފެނަކައާއި އަޅުގަނޑުމެންގެ އެންމެންނާ މި ވަނީ ގުޅިލާމެހިފައި"
- ޑރ. އިބްރާހިމް ހަސަން
ހޮނިހިރު ދުވަހުގެރޭ ބޭއްވި ދަސްވެނިވުމުގައި 23 ދަރިވަރަކު ވަނީ ދަސްވެނިވިފައެވެ. އެ ދަރިވަރުން ފުރިހަމަކުރީ އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ކޯސް (ފުނަރު ޕްރޮގްރާމް) އެވެ.