އެކްސިޑެންޓްވި ސައިކަލެއްގައި ރޯ ވެއްޖެ

ހދ. ކުޅުދުއްފުށީގައި ބާރު ސްޕީޑެއްގައި ދުއްވައިފައި ދިޔަ ސައިކަލެއް، އެކްސިޑެންޓްވެ، އެ ސައިކަލުގައި ރޯ ވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގައިފައި ވަނީ މިއަދު ހެނދުނު 9:20 ކަންހާއިރުއެވެ. މި އެކްސިޑެންޓް ހިނގައިފައި ވަނީ، ކުޅުދުއްފުށީ ބޮޑުމަގުން ބާރަށް ދުއްވައިފައި ދަނިކޮށް ކޮންޓްރޯލުން ނެއްޓި މަގުގެ މެދުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.
މަންޒަރު ދުށް ފަރާތަކުން ބުނެފައި ވަނީ، ސައިކަލު ގޮސް ހޮޅިދަނޑުގައި ޖެހުމާ އެކު، ސައިކަލު ދުއްވަން އިން ޒުވާނާ ވިއްސައިގެން ވަރަށް ދުރަށް ދިޔަ ކަމަށެވެ. ނަމަވެސް އޭނާއަށް ސީރިޔަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.
ސައިކަލުގައި ރޯވެފައި ވަނީ ސައިކަލު ހޮޅިދަނޑުގައި ޖެހުނު ވަގުތުއެވެ. ސައިކަލުގައި ރޯވި އަލިފާންގަނޑު ނިއްވައިލާން ޖެހުނީ ފަޔާ އެންޑް ރެސްކިއު ސާވިސްގެ އެހީތެރިކަމާ އެކުއެވެ. އަލިފާން ނިއްވައިލެވުނު އިރު، ސައިކަލު އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.