ޚަބަރު ސިޔާސީ

އިންތިޚާބު ލަސްކުރަން ވޯޓުލާ ކޮންމެ މީހަކީ ސަރުކާރުގެ ނުފޫޒު އޮތް މީހެއް: އާޒިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޭޕްރީލް މަހު 16ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ލަސްކުރަން ވޯޓުލާ ކޮންމެ މީހަކީ ސަރުކާރުގެ ނުފޫޒު އޮތް މީހެއް ކަމަށް އެ ޕާޓީގެ ކުރީގެ ޕީޖީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ތުހުމަތު ކުރައްވައިފިއެވެ.

Ads by STELCO

ޗެއާޕާސަންގެ ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ އިންތިހާބު ރޯދަމަހާ ދިމާވާތީ، އެހެން ތާރީހަކަށް ފަސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެކަމަށް ގޮތެއް ނިންމުމަށް މިރޭ މިހާރު ކުރިއަށްދާ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، އެމްޑީޕީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށެވެ. އަދި އިންތިޚާބުގެ ތާރީޚް ކަނޑައެޅީ ޤައުމީ މަޖިލީހުން ކަމަށާއި އެ ކަނޑައެޅިއިރު ވެސް އޭޕްރީލް 16އަކީ ރަމަޟާން މަސް ކަމުގައި އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިޔަ އުޅެނީ ރަމަޟާން މަސް ނައިސްގެނެއް ނޫން، ތިޔަ އުޅެނީ ހުތުރުކޮށް މިކަންކަން ކުރަން. ތި އުޅެނީ ނުފޫޒު ފޯރުވައިގެން ކަންކަން ކުރަން. ތި އުޅެނީ ކަރަޕްޝަންގެ ހަނޑި މުޑުދާރު އަމަލު ވައްދައިގެން މި ކަންކުރަން" އާޒިމް ތުހުމަތު ކުރެއްވިއެވެ.

މި އިންތިޚާބުގައި ދެން ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ އިންތިހާބު މިހާރު ކަނޑައަޅައިފައި އޮތް ތާރީހުގައި ބާއްވަން ނުވަތަ އެއަށް ވުރެ އަވަސްކުރާށެވެ. އާޒިމް ތާއީދު ކުރެއްވީ އެ ގޮތަށެވެ.

މިރޭގެ މަޖިލީހުގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ދީފައިވާ ވަގުތު ހަމަވުމުން ވެސް އޭނާގެ ވާހަކަ ކުރިޔަށް ގެންދަން އެދި، ވާހަކަ ދެއްކުން ހުއްޓަވައި ނުލެއްވުމުން، އެ މަޖިލިސް ވަނީ ހޫނުވެފައެވެ. އަދި އާޒިމްގެ ވާހަކަފުޅު ކުރިޔަށް ގެންދަވަން މަސައްކަތްޕުޅު ކުރައްވަމުން، "މިނިސްޓަރު އެހެން ނުހައްދަވާ. ތިއީ ގޯހެއް،" ކަމަށް ފައްޔާޒަށް އިޝާރާތް ކުރައްވައި ވިދާޅުވިއެވެ.

"މިތާ ތެރެއިން ވޯޓްލާ ކޮންމެ މީހަކީ ސަރުކާރުގެ ނުފޫޒު އޮތް މީހެއް. މިތާ ތެރެއިން ލަސްކުރަން ވޯޓްލާ ކޮންމެ މީހަކީ ސިޔާސީ ވަޒީފާއެއްދީފައިވާ މީހެއް، ތިމާގެ މީހަކަށް، ފިރިޔަކަށް، އަނތްބަކަށް ވަޒީފާ ދީފައިވާ މީހެއް" ހަޅޭކުގެ ތެރެއިން އާޒިމްގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!