ދީން

ކެތްތެރިކަމަކީ ވަރަށް ގިނަ އުނި ސިފަތަކުން ސަލާމަތްކޮށްދޭ ސިފައެއް: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by Sosun Fihaara

މިއަދުގެ ހުކުރު ޚުތުބާގައި ހަނދުމަކޮށްދީފައި ވަނީ، އިސްލާމްދީނަކީ ރިވެތި އަޚްލާޤުގެ ދީންކަމެވެ.

އިސްލާމްދީނަކީ އިންސާނާގެ ޙަޔާތުގައި ރިވެތި އަޚްލާޤާއި، މަތިވެރި ސުލޫކު އުނގަންނައިދިނުމަށް މާތް ﷲ ބާވައިލެއްވި ދީނެވެ.

ރިވެތި އަޚްލާޤުގެ ދަރަޖަ ބަޔާންކޮށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ހަމަކަށަވަރުން މުއުމިނަކު އޭނާގެ ރިވެތި ޚުލްޤުގެ ސަބަބުން، ރޭ އަޅުކަންކޮށް ދުވާލު ރޯދަ ހިފާ މީހެއްގެ ދަރަޖައަށް އޭނާގެ މާތްކަން ހިނގައިދެއެވެ.

އިސްލާމްދީނުގައި ރިވެތި އަޚްލާޤީ ސިފަތަކަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭ މަންފާ ހުރި ސިފަތަކަކަށް ވީއިރު ބައެއް މުސްލިމުންގެ އުޅުމުން އެ މާތް ސިފަތައް އެކަށީގެންވާ މިންވަރަށް ނުފެންނަކަން ހިތާމަޔާއެކު ފާހަގަ ކުރެވެއެވެ.

ރިވެތި އަޚްލާޤުގެ ސިފަތަކުގެ ތެރެއިން ކެތްތެރިކަމަކީ ވަރަށް ގިނަ އުނި ސިފަތަކުން އަހަރެމެން ސަލާމަތްކޮށްދޭ ސިފައެކެވެ. މުސްލިމުން ކެތްތެރިވުމަށް ކީރިތި ޤުރްއާނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައި ވެއެވެ.

މާތް ﷲ ވަހީ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ކެތްތެރިންނަށް އެ އުރެންގެ ދަރުމަ ދެއްވައިހުށިކަން ކަށަވަރީ ހިސާބެއް ނެތިއެވެ.

ދުނިޔެވީ ހަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. ބައެއް ފަހަރު ސިއްޙަތު ސަލާމަތުން ހުންނައިރު، އަނެއްބައި ފަހަރު ބަލިމަޑުކަމާ ކުރިމަތިވެއެވެ. ބައެއް ފަހަރު އަތްމަތި ތަނަވަސްކޮށް އުޅޭއިރު އަނެއްބައި ފަހަރު ދަތި ހާލުގައި އުޅެންޖެހެއެވެ. އަދި ބައެއް ފަހަރު އަހަރެމެން ލޯބިކުރާ މުދަލާއި، ދަނޑުފަނޑުތަކާއި، ދަރިން އަހަރެމެންގެ ލޯމަތީގައި ސަލާމަތުން ހުންނައިރު، އަނެއްބައި ފަހަރު ދިމާވާ ކުއްލި ހާދިސާއެއްގައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި ހުރިހައި އެއްޗެއް ނެތި ފަނާވެދެއެވެ. ބައެއް ފަހަރު ނުހަނު އަމާންކަމުގައި އުޅޭއިރު، އަނެއްބައި ފަހަރު ބިރުވެރިކަމާއި ނާމާންކަން ވެރިވެދެއެވެ.

މިއިން ކޮންމެ ކަމަކީ އަހަރެމެންނާ ކުރިމަތިވާ އިމްތިހާނެކެވެ. އަހަރެމެން ޖެހޭނީ މި އިމްތިހާނުތަކުން ފާސްވޭތޯ މަސައްކަތް ކުރާށެވެ! އެއީ އެކަންކަމަށް ކެތްތެރިވުމެވެ.

މިފަދަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު، އެއީ ކޮންމެ ވެސް މީހެއްގެ ފަރާތުން އައި ބަދުނަސީބެއް ކަމުގައި ހީކޮށް، އެފަރާތްތަކާ މެދު ހިތް ނުބައި ކުރުމަކީ، ރީތި އަދި ރަނގަޅު ގޮތެއް ނޫނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!