ދުނިޔެ

ސައުދީގައި އެއް ދުވަހުން 81 މީހަކަށް މަރުގެ އަދަބު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ސައުދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން--

ސައުދީ އަރަބިއާގައި އެއްދުވަސް ތެރޭގައި 81 މީހަކަށް މަރުގެ އަދަބު ދީފިއެވެ.

Ads by Sosun Fihaara

ސައުދީ އަރަބިއާގެ ދައުލަތުގެ ޓީވީން ބުނި ގޮތުގައި، މަރުގެ އަދަބު ލިބުނު 81 ފިރިހެނުންގެ ތެރޭގައި، އަލްޤައިދާ ޖަމާއަތަށް ނިސްބަތްވާ ބޮޑެތި ކުށްވެރިންތަކެއް ހިމެނެއެވެ.

އެގޮތުން އެ ކުށްވެރިންގެ ތެރޭގައި އެއްވެސް ކުށެއް ނެތް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން މެރި މީހުން ހިމެނޭކަން ފާހަގަކޮށް، އެމީހުންނަކީ ޝައިތާނާގެ ފިޔަވަޅު މަތިން ހިނގި ބައެއްގެ ގޮތުގައި ސްޓޭޓް ޓީވީން ވަނީ ސިފަކޮށްފައެވެ.

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުން، އިއްޔެ ސައުދީގައި މަރުގެ އަދަބު ދިން މީހުންގެ ތެރޭގައި ހިމެނެނީ އެ ގައުމަށް ނިސްބަތްވާ 73 މީހުންނާއި، ޔަަމަނުގެ ހަތް މީހަކާއި ސީރިޔާގެ މީހެކެވެ. މިއީ ސައުދީގައި، މިހައި ގިނަ އަދަދެއްގެ ބަޔަކަށް، އެއް ދުވަހުގެ ތެރޭގައި މަރުގެ އަދަބު ދިން ފުރަތަމަ ފަަހަރެވެ.

އެމީހުންނަށް މަރުގެ އަދަބު ދިނީ ކިހިނެއްކަމެއް ސާފެއް ނޫނެވެ. ސައުދީގައި ކަރު ބުރިކޮށްގެން މަރުގެ އަދަބު ދިނުމަކީ ވެސް އާންމު ކަމެކެވެ.

މީގެ ކުރިން، 1980ވަނަ އަހަރުގައި ސައުދީގެ މައްކާގައި ހުންނަ ގެފުޅު ހިފަން އުޅުނު 63 ހަނގުރާމަވެރިޔަކަށް މަރުގެ އަދަބު ދީފައިވެއެވެ. އަދި 2016ވަނަ އަހަރުގެ ޖެނުއަރީމަހުގައި 47 މީހަކަށް މަރުގެ އަދަބު ދީފައިވެއެވެ.

ކްރައުން ޕްރިންސް މުހައްމަދު ވިދާޅުވީ މަރުގެ އަދަބު ހައްގުވާ އެތައް ބަޔަކަށް އަދިވެސް އަދަބު ނުދެވި އެބަތިބި ކަމަށާއި، އެހެން ނަމަވެސް ބައެެއް ކުށްތަކަށް ކޮންމެހެން ވެސް މަރުގެ އަދަބު ދޭން ޖެހެނީ ކީރިތި ޤުރުއާނުގައި އެކަން އެގޮތަށް ކުރުމަށް އަންގަވައިފައި ވާތީ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!