ރައީސްގެ މަންދޫބާ ބައްދަލު ކުރައްވައި ފަހުގެ މައުލޫމާތު ދެއްވައިިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އަހަރު ދިން ނިރުބަވެރި ހަނގުރާމައާ ގުޅިގެން ކުރިއަށްދާ ތަހުގީގު ގާތުން ބެއްލެވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް، ބަންޑާރަނައިބު އިބްރާހީމް ރިފްއަތާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ރިފްއަތު ވަނީ ނިރުބަވެރިކަން މަނާ ކުރުމުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކުގެ މައުލޫމާތު އައްބާހާ ހިއްސާކުރައްވައިފައިވެއެވެ.
މީގެ އިތުރުން ބަންޑާރަނައިބު ރިފްއަތު ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަކަށް އެކުލަވައިލައިފައިވާ އިންޓެލިޖެންސް އޮޑިޓް ރިޕޯޓްގައިވާ ހުށަހެޅުންތައް ތަންފީޒުކުރަމުންދާ ގޮތުގެ މައުލޫމާތު ވެސް އައްބާހާ ހިއްސާ ކުރައްވައިފައެވެ.
ރައީސް ޞާލިޙްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އައްބާސް ރާއްޖެ ވަޑައިގަތީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުގައެވެ.
އައްބާސް ފާއިޒް ވަނީ ރާއްޖެ ވަޑައިގަތުމަށް ފަހު، ރައީސް ނަޝީދާ ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވާ ހަމަލާއާ ގުޅޭ މައުލޫމާތު ހޯއްދަވަމުންނެވެ. އަދި އައްބާސް ގެންދަވަނީ އޭނާއަށް ލިބިވަޑައިގަންނަވާ މައުލޫމާތު ދޭތެރެދޭތެރެއިން ރައީސް ޞާލިހާ ބައްދަލުކުރައްވައި ހިއްސާ ކުރައްވަމުންނެވެ.